ހަބަރު

164 މީހުން، އަހަރަކަށްވުރެ ގިނަ ދުވަހު "ވާނުވާގައި"

ޖަލުތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ގިނަ ބަޔަކު ތިބިއިރު އެގޮތަށް ބަންދުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 164 މީހުން އެބަ ތިއްބެވެ.

މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާ ނުވަތަ ދައުވާއެއް އުފުލުމަށްފަހު ޝަރީއަތް ފެށުމާއެކު ވެސް މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރަށް އެދުމުގެ ބާރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބެ އެވެ.

މިކަމަކީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާ ކަމެކެވެ. ގައިދީންގެ ބަހުން "ވާނުވާ" ގޮތުގެ މަޝްހޫރުވެފައިވާ މިކަން ގާނޫނުގެ ތެރޭގައި އޮތުމުން މުއްދަތެއް ނެތް ގޮތަށް ބަޔަކު ބަންދުގައި ބައިތިއްބުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ބުނެ ފާޑުކިޔަ އެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުން އުވާލުމާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރަމުންދެ އެވެ.

ކަމާބެހޭ މުއައްސަސާއެއްގެ އޮފިޝަލަކު އަވަސްއަށް މައުލޫމާތު ދިން ގޮތުގައި "ވާނުވާ ޖަހައި" ބަންދުގައި އެތައް ބަޔަކު ޖަލުތަކުގައި ތިބިއިރު އޭގެ ތެރޭގައި އެއް އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ތިބި 164 މީހުން ތިބުމަކީ ކަންބޮޑުވުމެކެވެ. އެ 164 މީހުންގެ ތެރޭގައި ފަސް އަހަރުވީ މީހުން ވެސް އެބަ ތިބި ކަމަށް އޭނާ މައުލޫމާތުދެ އެވެ.

އެނގިފައިވާ ގޮތުގައި އެގޮތަށް ބަންދުގައި ތިބޭ މީހުން ގިނަވެ، ކަރެކްޝަނަލް ސާވިސްއިން ވަނީ އެ ކަންބޮޑުވުން ކަމާބެހޭ މުއައްސަސާތަކާ ހިއްސާކޮށްފަ އެވެ. ބޮޑެތި ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްއިން އާންމުކޮށް އެދެ އެވެ.

އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން އިއްޔެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ފިޔަވަޅެއް އަޅުއްވާފަ އެވެ. ބަންޑާރަ ނައިބު އިސްލާހު ކުރައްވާފައިވަނީ ގާނޫނު އަސާސީއިން އެޓާނީ ޖެނަރަލަށް ލިބި ވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަނޑައަޅާާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާނެ މައިގަނޑު ސިޔާސަތު ތަކުގެ މާއްދާއެކެވެ.

އެގޮތުން އެ ސިޔާސަތަށް އާ މާއްދާއެއް އިތުރުކޮށް ބުނެފައި ވަނީ ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު ކުރައްވާފައިވާ އަމުރު 30 ދުވަހަކުން ޕީޖީ ރިވިއު ކުރަމުން ގެންދަން ޖެހޭނެ ކަމަށެވެ. އަދި ވަކި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭނެ ހާލަތެއް ނެތް ކަމަށް ފެނިއްޖެނަމަ އެ އަމުރެއް ބާތިލް ކުރަން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މާއްދާގެ ދަށުން ޕީޖީ ކުރައްވާ މަސައްކަތުގެ ތަފުސީލް ބަޔާން ކުރާ ހާއްސަ ރިޕޯޓެއް އެކުލަވާލައި އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ހިއްސާ ކުރަމުންދާން ޖެހޭނެ ކަމަށް ވެސް ބަޔާން ކޮށްފައިވެ އެވެ.