ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޖަލުތައް ފުރޭ މައްސަލައަށް ހައްލު ހޯދަންޖެހޭ: ޕީޖީ

ޖަލުތައް ފުރޭ މައްސަލައަށް ހައްލު ހޯދަން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ޖާގައެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތައް ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށް ބުނެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވަނީ ކޮށްފައެވެ. ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ 58 ގައިދީއެއް ހުރި މިވަގުތު ދޫނިދޫ ޖަލުގައި ހުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 50 ގައިދީއަކީ ހުކުމް ތަންފީޒު ކުރަން ހަވާލު ކުރަން ޖެހޭ މީހުން ކަމަށާއި ބާކީ ތިބީ ރިމާންޑްއަށް ހަވާލު ކުރަން ޖެހޭ މީހުން ކަމަށެވެ.

ނަމަވެސް ކަރެކްޝަންސްގެ ޖަލުތައް ފުރި ޖާގަ ނެތިގެން އެ މީހުންނާ ހަވާލުވުމަށް އުޒުރުވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށައް ކަނޑައެޅޭ އަދަބުގެ ޖުމްލަ މުއްދަތަށްވުރެ އިތުރު ނުވާ ގޮތެއްގެ މަތިން އެކިއެކި ބާވަތްތަކުގެ އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓްތަކަށް ލިބިގެންވާ ކަމަށެވެ. ޝަމީމް އިޝާރަތް އެ ކުރައްވަނީ ބައެއް ކުށްތަކުގައި ޖަލު ހުކުމްގެ ބަދަލުގައި އެހެން އަދަބުތައް ކަނޑައެޅުމުގެ އިހްތިޔާރު ދީފައިވާ ދިނުމަށެވެ. ޕީޖީ ވިދާޅުވީ އެކަންކަމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީއާއި، ބަންޑާރަނާއިބްގެ އޮފީހާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ގުޅިގެން، ޖަލު ފުރޭ މައްސަލައަށް ހައްލު ހޯދަންޖެހޭ." ޝަމީމް ވިދާޅުވިއެވެ.

އަވަސްއާ ވާހަކަދައްކަމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާ ހަވާލުވުމުގެ މަސައްކަތް ކަރެކްޝަނުން ކުރަމުން ގެންދާ ކަމަށެވެ. އަދި މާފުށީ ޖަލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަބަދުވެސް އަޅުގަނޑުމެން މިދަނީ ގައިދީންގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން. އެ ގޮތުން ފުލުހުންގެ ބަންދުގައި ތިބި ގައިދީންނާ ހަވާލުވުމުގެ މަސައްކަތްވެސް އެބަ ހިނގާ. އަދި މާފުށީ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލު ކުރެވޭނެ ގޮތްތަކެއް ދަނީ ހޯދަމުން." ނަސީމް ވިދާޅުވިއެވެ.