ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ޖިނާއީ މައްސަލަތަކުގައި ލިޔެކިއުންތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހާ ދެމެދު އެއްބަސްވުމެއް އެކުލަވާލައިފި އެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށާއި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ގާނޫނީ ވަކީލެއް ހަމަޖެއްސެން ނެތް ކުދިންނަށް، ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަކީ އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުން އަންނަ އެ މުއައްސަސާގެ ޒިންމާއެކެވެ.
މީގެ އިތުރުން ސެޕްޓެންބަރު 22، 2020 ގައި ތަސްދީގުކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ ބޮޑެތި ކުށްތައް ކަމަށް ބަޔާންކޮށްފައިވާ ކުށްތަކަށް ބަދަލުގެނެސް، ގިނަ ކުށްތަކެއް އެ މާއްދާއަށް ވަނީ އިތުރު ކޮށްފައެވެ. އަދި ނޮވެންބަރު 20، 2020 ގައި އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ގާނޫނީ ވަކީލެއް ހަމަޖެއްސެން ނެތް ހުރިހާ ކުދިންނަށް ދައުލަތުން ގާނޫނީ ވަކީލެއް ފޯރުކޮށްދޭންޖެހެއެވެ.
އެހެން ކަމުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައިވާތީ ލީގަލް އެއިޑަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އެކަށީގެންވާ އަވަސް މިނެއްގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ފަސޭހައިން ހަމަޖެހިފައިވުމަކީ މުހިންމު ކަމެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އަދި ލީގަލް އެއިޑް ލިބުމަށް ޝަރުތު ފުރިހަމަވެގެން، ދައުލަތުން ގާނޫނީ ވަކީލު އައްޔަންކޮށްދިން ނަމަވެސް މައްސަލަތަކުގެ އަޑުއެހުންތައް ހަލުވި މިނެއްގައި ތާވަލުކުރެވެމުންދާއިރު މައްސަލަތަކުގެ ލިޔެކިއުންތައް ލިބުމުގައި އައްޔަނުކުރެވޭ ގާނޫނީ ވަކީލުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
އެހެން ކަމުން ދައުލަތުން އައްޔަންކުރާ ގާނޫނީ ވަކީލަށް މައްސަލައިގެ ލިޔެކިއުންތައް އެޓާނީ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ނައްތާލައި އަވަސް މުއްދަތެއްގެ ތެރޭގައި އެ ލިޔެކިއުންތައް އެޓާނީ ޖެނެރަލްގެ އޮފީހަށް ލިބޭގޮތަށް ހަމަޖެއްސުމަށް ޕްރޮސިކިއުޓާ ޖެނެރަލާ މަޝްވަރާ ކުރުމުން އެ ލިޔުންތައް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން ފޯރުކޮށް ދެއްވުމަށް ޕީޖީ ވަނީ އެއްބަސްވެވަޑައިގެންފައެވެ. މިއަދު ސޮއިކުރެވުނު އެއްބަސވުމާއެކު ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ޖިނާއީ މައްސަލަތަކުގައި ލިޔެކިއުންތައް ފޯރުކޮށްދިނުން އަވަސް ވެގެންދާނެ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.