އެޓާނީ ޖެނެރަލް

ޝަރީއަތް ނިމެންދެން ބަންދުކުރާ އަމުރުތައް ރިވިއު ކުރަން ޕީޖީއަށް އޭޖީ އަންގައިފި

ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުންތައް ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ކޯޓަށް ހުށަހަޅަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށް، އެކަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު، ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް އަންގަވައިފި އެވެ.

މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާ ނުވަތަ ދައުވާއެއް އުފުލުމަށްފަހު ޝަރީއަތް ފެށުމާއެކު ވެސް މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހަކު ބަންދު ބެހެއްޓުމަށް އަމުރަށް އެދުމުގެ ބާރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބެ އެވެ.

މިކަމަކީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާ ކަމެކެވެ. ގައިދީންގެ ބަހުން "ވާނުވާ" ގޮތުގެ މަޝްހޫރުވެފައިވާ މިކަން ގާނޫނުގެ ތެރޭގައި އޮތުމުން މުއްދަތެއް ނެތް ގޮތަށް ބަޔަކު ބަންދުގައި ބައިތިއްބުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ބުނެ ފާޑުކިޔަ އެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުން އުވާލުމާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރަމުންދެ އެވެ.

މިއަދު އޭޖީ އިސްލާހު ކުރައްވާފައިވަނީ ގާނޫނު އަސާސީއިން އެޓާނީ ޖެނަރަލަށް ލިބި ވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަނޑައަޅާާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާނެ މައިގަނޑު ސިޔާސަތު ތަކުގެ މާއްދާއެކެވެ.

އެގޮތުން އެ ސިޔާސަތަށް އާ މާއްދާއެއް އިތުރުކޮށް ބުނެފައި ވަނީ ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު ކުރައްވާފައިވާ އަމުރު 30 ދުވަހަކުން ޕީޖީ ރިވިއު ކުރަމުން ގެންދަން ޖެހޭނެ ކަމަށެވެ. އަދި ވަކި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭނެ ހާލަތެއް ނެތް ކަމަށް ފެނިއްޖެނަމަ އެ އަމުރެއް ބާތިލް ކުރަން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މާއްދާގެ ދަށުން ޕީޖީ ކުރައްވާ މަސައްކަތުގެ ތަފުސީލް ބަޔާން ކުރާ ހާއްސަ ރިޕޯޓެއް އެކުލަވާލައި އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ހިއްސާ ކުރަމުންދާން ޖެހޭނެ ކަމަށް ވެސް ބަޔާން ކޮށްފައިވެ އެވެ.