ރައީސް އަބްދުﷲ ޔާމީން

"ބަންޑާރަ ނާއިބުގެ އަމަލަކީ ފުރައްސާރަ ކުރުމެއް"

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން އެމަނިކުފާނު ދައްކަވަންޖެހިވަޑައިގަންނަވާ ފަސް މިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމަކީ ރައީސް ޔާމީނާއި ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަ ކުރުމުގެ ގޮތުން ހިންގާ ވިޔާނުދާ އަދި އެކަމުގައި އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް އަމަލެއް ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ދައުލަތުގެ ފަރާތުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ އެވެ.

ބަންޑާރަނައިބު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ދައުލަތަށް ދައްކަވަންޖެހި ވަޑައިގަންނަވާ ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ) ގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާން ކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަވަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.

ދައުލަތުން ކޯޓުގައި އެދިފައިވަނީ ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަރު އެއް ފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.

ރައީސް ޔާމީންގެ ވަކީލުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޖޫރިމަނާގެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފައިވާ ކަމަށާ އަދި އެކަން މީރާ އާއި ދައުލަތުގެ އެހެން އިދާރާތަކަށް ލިޔުމުން އަންގާފައިވާނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓްގެ ނިންމުން ބާތިލުކޮށް ދިނުމަށް އެދި އެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށް މައްސަލަ ބަލައިގަނެ ރަޖިސްޓްރީކޮށްދީފައިވާއިރު އަދި ކްރިމިނަލް ކޯޓްގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށްވެސް އެ ކޯޓްގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓުން ފައިސަލާކޮށް ހުކުމެއް ނެރޭއިރު ދަށު ކޯޓްގެ ހުކުމް ބާތިލުކުރުމުގެ ފުުރުސަތު އޮތުމުން ދަށު ކޯޓްގެ ހުކުމްގެ ޖޫރިމަނާ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ރައީސް ޔާމީނަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަވާ އިސްތިއުނާފުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމަށް ދެކޭ ކަމަށެވެ.

"އަދި މިއީ މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ފޯކަސް ބަދަލުކޮށް ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް އޮއްބާލުމުގެ ބޭނުމުގައި ދެބޯގެރި ދުއްވުމުގެ ގޮތުން ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ބޭނުންކޮށްގެން ހިންގާ ވަރަށް ފިނޑި އަމަލެކެވެ. އަދި ބަންޑާރަ ނާއިބުގެ މި ނިންމެވުމަކީ ގާނޫނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްވުރެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ޒާތީ ގޮތުން ދިމާކޮށް ފުރައްސާރަ ކުރުމުގެ ގޮތުން ހިންގާ ވަަރަށް ވިޔާނުދާ އަދި އެކަމުގައި އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް އަމަލެއް ކަމުގައި ދަންނަވަމެވެ،" ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.