ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް އެއްވެސް ވަރަކަށް ވާހަކަ ނުދައްކާތީ ދައުލަތުން އޭނާއަށް ވަކީލަކު ނުދޭނެ ކަމަށް އަންގާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ސާހިލްގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގައި މިއަދުވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން ވާހަކަނުދެއްކި ކަމަށެވެ. އެކަމަކު ދައުވާއަށް ޖަވާބުދާރީ ނުވެވޭ ފަދަ ނުކުޅެދުންތެރިކަމެއް ހުރި ކަމަށް ނުބެލެވޭ ކަމަށްވެސް ކޯޓުން ބުންޏެވެ.
ސާހިލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން ދައުލަތުން އެދިގެން ކޯޓުން ކުރިން ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެފަ އެވެ. އެހެންވެ ކްރިމިނަލް ކޯޓުން ވަނީ މައްސަލައާއި ގުޅޭ ލިޔުންތައް ބަލަން ބޭނުންނަމަ ކޯޓުގައި އިނދެގެން ލިޔުންތައް ބެލޭނެ ކަމަށް ސާހިލް އަށް އަންގާފަ އެވެ.
ސާހިލްއަށް ކުރާ ދައުވާއާއި ގުޅިގެން ދެން އޮންނާނީ ލިޔުންތައް ދިރާސާކުރުމަށްފަހު ޖަވާބުދާރީވުން ކަމަށްވެސް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން އިތުރަށް ބުނީ ބަންޑާރަނައިބުގެ އޮފީހުން ދެ ފަހަރަށް ސާހިލް އަށް ވަކީލުން ހަމަޖައްސައިދިން ކަމަށެވެ. ނަމަވެސް އޭނާ އެއްވެސް ވަރަކަށް ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދެން އިތުރަށް ވަކީލުން ހަމަޖައްސައިނުދޭން ދައުލަތުން ނިންމާފައިވާ ކަމަށެވެ.
ސާހިލްގެ މައްޗަށް މިދިޔަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު ދައުލަތުން ވަނީ ފަސް ދައުވާއެއް ކޮށްފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް އުފުލި ދެ ދައުވާގެ މައުލޫމާތު ދައުލަތުން ހިއްސާކޮށްފައެއް ނުވެ އެވެ.
ދައުލަތުން ހާމަކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ އިތުރުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް ބޭނުންކުރުމުގެ ދައުވާ އެވެ.
ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރެ އެވެ.