ރައީސް އަބްދުﷲ ޔާމީން

ޔާމީން މިނިވަންކޮށް ވެރިކަމަށް ގެނައުމަށް އަހުދުވެއްޖެ

Dec 28, 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކޮށް އަލުން ރައީސް ކަމަށް ގެނައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ސެނެޓުން މިރޭ ފާސްކޮށްފި އެވެ.

މީރުމާ ހޮޓެލްގައި މިރޭ ބޭއްވި ޕީޕީއެމް / ޕީއެންސީ ސެނެޓަރުންގެ ކުއްލި ބައްދަލުވުމަށް ހުށަހެޅިބ ގަރާރު ފާސްކުރީ 89 ސެނެޓަރުންގެ ތާއީދާ އެކު އެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސް ޔާމީނަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިސްލާމީ ޝަރީއަތާއި ގާނޫނުތަކާއި ހިލާފަށް އިއްވީ އެމަނިކުފާނާ ދުޝްމަން ކަމެއް އޮތް ބައެއްގެ "ފާސިގު ހެކި އުފައްދައިގެން" ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާދިނުމަށާއި ޔާމީން މިނިވަންކުރަން ބަޔާންތައް ނެރުމަށާއި މުޅި ރާއްޖޭގައި އިހްތިޖާޖްކުރަން ގޮވާލާފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލަށްލީ އެމަނިކުފާނު ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭން މަސައްކަތް ކުރައްވާތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިމަށް ކަމަށެވެ. އެހެންވެ ޕީޕީއެމް އާއި ޕީއެންސީގެ ހުރިހާ މެންބަރުން އެކުގައި ތިބުމަށާއި ބައިބައިކުރަން ފުރުސަތު ނުދިނުމަށް އަޒުމު އާކުރުމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގެ ބަހުސްގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވީ ގަރާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި އިދިކޮޅު ހުރިހާ މީހުންވެސް ތިބީ ބަދަހިކޮށް ކަމަށެވެ. އަދި ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމުގެ ޔަގީންކަން ޣައްސާން ވަނީ ދެއްވާފަ އެވެ.

"[މިސަރުކާރުން] ރައީސް ޔާމީން ޖަލަށްލީ ނަމަވެސް އެމަނިކުފާނުގެ އަޑު ކަނޑުވައެއް ނުލެވޭނެ،" ޣައްސާން ވިދާޅުވި އެވެ.

ގަރާރުގެ ބަހުސްގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ މިއަދު ރާއްޖޭގައި އޮތް ވަރުގެ ހުދުމުހުތާރު ވެރިކަމެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ޔާމީން ޖަލަށްލީ އެމަނިކުފާނު ގެނައި ތަރައްގީ އެގޮތަށް ނުގެނެވޭތީ ޒާތީ ވެގެން ކަމުގައިވެސް ސިފަކުރެއްވި އެވެ.

"ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތުގައި އެކަކަށް ވަންދެން އަޒުމަށް ގުނޑުމެއް ނައިސް ހުންނާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ބައްދަލުވުމުން ނިންމަވާލައްވަމުން ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާދިނުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހައްދުފަހަނައަޅާފައިވާ ކަމަށެވެ. އެހެންވެ ހުރިހާ ބޭފުޅުން އާ ހިތްވަރެއް ލައިގެން ރައީސް ޔާމީން މިނިވަންކުރުމަށް މަސައްކަތް ކޮށްދިނުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.

"ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން. އެހެންވީމާ ހުއްޓާ ނުލައި އެމަނިކުފާނު ސަލާމަތް ކުރަން މަސައްކަތް ކުރައްވާ،" އަބްދުއްރަހީމް ވިދާޅުވި އެެވެ.