ޑރ. މުހައްމަދު މުއިއްޒު

ޔޫއެންގެ އޮފީސް ހުރި ބިމުގައި ހައުސިން މަޝްރޫއެއް ހިންގަން ފުރުސަތެއް ނުދިން: މޭޔަރު

މާލެގައި އދ.ގެ މައި އޮފީސް ހިންގަމުން ދިޔަ އިމާރާތަކީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ރަނގަޅު ބިމެއް ކަމަށާއި ނަމަވެސް އެފަދަ މަޝްރޫއެއް އެ ބިމުގައި ހިންގުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ އދ.ގެ މައި އޮފީސް ހިންގި އިމާރާތް ހުރި ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގޭނެ ކަމަށް ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް އެ ބިން ކައުންސިލާ ހަވާލުކުރަން ސަރުކާރުން ބޭނުން ނުވި ކަމަށެވެ.

"އެއީ ކުރިން ޔޫއެން އިމާރާތް ހިންގި ތަން. ދެން އެހެންވީމާ އެތަން ސަރުކާރުގައި އެހުރީ. ފޮރިން މިނިސްޓްރީގެ ނަމުގައި ސަރުކާރުގެ ބެލުމުގެ ދަށުގަ ހުރި ބިމެއް އެއީ. ބޮޑު ބިމެއް ބޭނުން ހިފޭނެ ބިމެއް،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އަރަބިއްޔާ ސްކޫލު ވަގުތީގޮތުން ހިންގުމަށް އިމާރާތެއް ނުލިބިގެން އުޅުނު ދުވަސްވަރު އދގެ މައި އޮފީސް ހިންގި ތަނުގައި ވަގުތީ އިމާރާތެއް އަޅައި އެ ތަން އަރަބިއްޔާ ސްކޫލް ހިންގުމަށް ދިނުމަށް ސަރުކާރަށް ލަފާ ދީފައިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމަށްވެސް އިޖާބަ ނުދެއްވި ކަމުގައި ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އދގެ މައި އޮފީސް ހުރި ބިމަކީ ރައްޔިތުންނަށް ފައިދާ ހުރި އެއް ކަމަކަށް ވުރެ ގިނަ ކަންކަން ކުރެވޭނެ މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ ބިމެއް ކަމަށެވެ. އެހެންވެ އެތަން ހުސްކޮށް ބޭއްވުމުގެ ބަދަލުގައި ފައިދާ ހުރި ކަމެއް ކުރުމަށް ރައީސް އޮފީހުގައި އެތައް ފަހަރަކު ދެންނެވުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބިމުގައި ކުރެވޭނެ ކަންކަމުގެ ތެރެއިން އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ސިޓީ ކައުންސިލަށް ފާހަގަކުރެވުނީ ބޯހިޔާވެހިކަމުގެ މަޝްރޫއެއް ހިންގުން ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ.

"އެއީ ހަމަ ހައުސިން ޕްރޮޖެކްޓެއް ހިންގަންވެސް ހަމަ ވަރަށް ރަނގަޅު ލޮކޭޝަނެއް. އަނެއްކާ ހައުސިން ފްލެޓްތަކާއި ދުރު ހިސާބެއްވެސް ނޫން،" މޭޔަރު ވިދާޅުވި އެވެ.

އދގެ މައި އޮފީސް ހުރި އިމާރާތް ބަންދުކޮށް މީހުން އެ ތަން ހުސްކޮށްފައިވަނީ އޭޕްރީލް 30، 2014 ގައެވެ. އެތަން ހުސްކުރީ އިމާރާތުގެ ހާލަތު ހުރި ގޮތުން އެއީ މީހުން މަސައްކަތް ކުރަން ރައްކާތެރި ތަނަކަށް ނުވާތީ އެވެ.