އާ އަހަރު ފާހަގަ ކުރުން

އާ އަހަރުގެ ޝޯއާއި ހަވާ އެރުވުން ހުޅުމާލޭގައި

އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން "މޯލްޑިވްސް ވާއު ފެސްޓް"ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް ބާއްވަން ޔޫތް މިނިސްޓްރީން ނިންމައިފި އެވެ.

ޔޫތް މިނިސްޓްރީން މި މިއުޒިކް ޝޯ ބޭއްވުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގަ އެވެ.

މިނިސްޓްރީން ބުނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭގެ ހުށަހެޅުންތަކެއް ފެންނާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޮޑުބެރު ގުރޫޕުތަކުގެ ހުށަހެޅުންތައް ވެސް މި ޝޯ އިން ފެނިގެންދާނެ އެވެ.

މިގޮތުން ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ އިތުރުން ވަން ޝޮޓް އިވެންޓްސްގެ ތަފާތު ހުށަހެޅުންތައް ފެންނާނެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12 ޖަހާއިރު އާ އަހަރު ފެށުމުގެ ގޮތުން ހުޅުމާލޭގައި ހަވާ އެރުވުމަށްވެސް ޔޫތް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.