އާ އަހަރު ފާހަގަ ކުރުން

ބަނގުރަލާއެކު ހުޅުމާލައިން ހަތަރު މީހަކު ހައްޔަރުކޮށްފި

Jan 2, 2017

އާ އަހަރާއި ދިމާކޮށް ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކެއް ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ބަލައި ފާސްކުރި އިރު އެކަކު ހައްޔަރު ކުރީ ހުޅުމާލޭ ބްރައިޓް ބްރަދާސް ފިހާރަ ކައިރިން ސައިކަލެއް ބަލައި ފާސްކޮށް ސައިކަލް މަޑުދަށުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލް ފުޅިއެއް ފެނިގެނެވެ.

އަނެއް ތިން މީހުން ހުޅުމާލޭގެ ގެސްޓް ހައުސްއަކާ ދިމާ ބީޗް ގަސްގަނޑެއްގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅިއާއެކު ހައްޔަރު ކުރި އިރު ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްއާ ދިމާއި ގަސްތަކުގެ ތެރެއިން ވެސް ބަނގުރާ ފުޅިއެއް ފެނުނެވެ.

އާ އަހަރު ފާހަގަ ކުރުމުގެ ހަރަކާތްތަކާ ދިމާކޮށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ކޮންމެ އަހަރަކު ވެސް ބަނގުރަލާއެކު މީހުން ހައްޔަރު ކުރެ އެވެ.