ކުޅިވަރު

ޓީޓީގެ ގައުމީ ޗެމްޕިއަންކަން ދީމާ އާއި ޝައްފާން އަށް

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ބައިގެ އަންހެން ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހޯދިއިރު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދައިފި އެވެ.

ދީމާ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އޭނާއާ ވާދަވެރި އާއިޝަތު ރަފާ ނާޒިމް ބަލިކޮށްގެންނެވެ. މާލޭ ޓޭބަލް ޓެނިސް ކޯޓުގައި ރޭ ކުޅުނު ފައިނަލުން ދީމާ މޮޅުވީ ސީދާ ހަތަރު ގޭމުންނެވެ. މެޗުގެ ގޭމްތައް ދީމާ ގެންދިޔައީ 15-13، 11-08، 11-03 އަދި 11-09 އިންނެވެ.

މިއީ ގައުމީ ޗެމްޕިއަންކަން ދީމާ ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ގައުމީ މުބާރާތް ބާއްވާފައެއްނުވެ އެވެ.

ފިރިހެން ޗެމްޕިއަންކަން ޝައްފާން އަށް ލިބުނީ ކާމިޔާބު ކުޅުންތެރިޔާ މޫސާ މުންސިފްއާ ވާދަކޮށެވެ. މުންސިފަށް މުބާރާތް ގެއްލުނީ ނަސީބު ދެރަ ގޮތަކަށެވެ. މެޗުގެ ވަކި ހިސާބަކުން ފަޔަށް އަނިޔާވުމުން މުންސިފަށް ޖެހުނީ މެޗު ދޫކޮށްލާށެވެ. އޭރު ކުރީގައި އޮތީ ޝައްފާން އެވެ. އަނިޔާއިން ރަނގަޅުވެ މެޗު ކުރިއަށް ގެންދެވޭތޯ މުންސިފް ވަރަށް މަސައްކަތްކުރި އެވެ.

ސިންގަލްސް ޗެމްޕިއަންގެ އިތުރުން ޓީމު އިވެންޓާއި، އަންހެން އަދި ފިރިހެން ޑަބަލްސް ޗެމްޕިއަނުންގެ އިތުރުން 13 އަހަރާއި 17 އަހަރުން ދަށުގެ އިވެންޓްތައް ވެސް ވަނީ ނިމިފަ އެވެ.

13 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މިޝްޔާ އަހުމަދު އާދަމް އެވެ. މި އުމުރުފުރައިގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އުމެއިރު މުހައްމަދު އެވެ. 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ދީމާ އެވެ. ފިރިހެން ޗެމްޕިއަނަކީ އަހްޔާރު އަހުމަދު ހާލިދު އެވެ.

ފުރަތަމަ ޑިވިޝަނުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރަފާ އާއި ޒާރާގެ ޕެއާ އެވެ. ފުރަތަމަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝައްފާން އާއި އަހްޔާރު އެވެ.

ޓީމު އިވެންޓުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ އިހާ އެކަޑެމީ އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކީންސް ސްޕޯޓްސް ކްލަބާ ވާދަކޮށެވެ. އެކަމަކު އަންހެން ޓީމު އިވެންޓުގައި އިހާ އެކަޑެމީ ވަނީ ބަލިވެފަ އެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުންނެވެ.

މިއީ ގައުމީ ޓޭބަލް ޓެނިސް މުބާރާތް ބޭއްވި 60 ވަނަ ފަހަރެވެ. މިފަހަރުގެ މުބަރާތުގައި 65 ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ. އޭގެތެރޭގައި އަތޮޅުތެރެއިން ފުރަތަމަ ފަހަރަށް ވަނީ ވާދަކޮށްފަ އެވެ. އަތޮޅުތެރެއިން މުބާރާތުގެ ޖޫނިއާ ބައިގައި ވާދަކުރީ ފުވައްމުލަކުންނެވެ.