ޓީޓީ

އައިޓީޓީއެފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކިރްގިސްތާން ބަލިކޮށްފި

ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ކުރިއަށްދާ 27 ވަނަ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އޭޝިއަން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ޓީމުން ކިރްގިސްތާން 3-1 އިން ބަލިކޮށްފި އެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އަންހެން ސްކޮޑުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހީމް އަދި ލައިސާ ފަތުހުﷲ އިސްމާއީލް އެވެ.

މެޗުގެ ފުރަތަމަ ގޭމުގައި ދީމާ، ކުޑުސޯވާ ސައިޑީ އަތުން 3-2 އިން ބަލިވި ނަމަވެސް ދެވަނަ ގޭމުގައި ރަފާ ވަނީ ރަމައިދާ 3-2 އިން ބަލިކޮށްފަ އެވެ. ތިންވަނަ ގޭމުގައި މިޝްކާ، މުރަތަލިއެވާ ރައިއަނާ 3-0 އިން ބަލިކުރުމަށްފަހު ހަތަރުވަނަ ގޭމުގައި ދީމާ، ރަމައިދާ 3-0 އިން ބަލިކޮށް މެޗު ނިންމާލި އެވެ.

ނަމަވެސް ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާނާއި ޗައިނީސް ޓައިޕޭ އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. ރާއްޖޭގެ އަންހެން ޓީމު މިހާރު އޮތީ ގްރޫޕް 4ގެ ތިންވަނައިގައެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުވެސް ވަނީ ބައިވެރިވެފަ އެވެ. ގަތަރާއި ސިންގަޕޫރު އަތުން ބަލިވުމާއެކު ފިރިހެން ޓީމު ވަނީ ގްރޫޕް ސްޓޭޖް ނިންމާލާފަ އެވެ.