ޓީޓީ

އައިޓީޓީއެފް އޭޝިއަން ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުން ރަނގަޅު ނަތީޖާތަކެއް

ކަޒަކްސްތާނުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އޭޝިއަން ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓްގެ ރޭންކިން މެޗުތަކުގައި ދިވެހިރާއްޖޭގެ ޓީމުތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފި އެވެ.

ދިވެހިރާއްޖޭގެ އަންހެން ޓީމު 15-18 ވަނައާ ދެމެދުގެ ރޭންކިން ކަނޑައަޅާ ބްރެކެޓްގައި ވާދަކުރަމުން، ފުރަތަމަ މެޗުގައި ސްރީ ލަންކާ އަތުން 3-0 އިން މޮޅުވި އެވެ.

މި މެޗުގައި އައިޝަތު ރަފާ ނާޒިމް، ފާތިމަތު ދީމާ އަލީ އަދި މިޝްކާ މުހައްމަދު އިބްރާހިމް ވަނީ އެމީހުންގެ ވާދަވެރިންގެ މައްޗަށް ކުރި ހޯދާފަ އެވެ. އެހެންނަމަވެސް ދެވަނަ މެޗުގައި މޮންގޯލިއާ އަތުން 3-0 އިން ބަލިވި އެވެ.

ފިރިހެން ޓީމު އިވެންޓްގައި ދިވެހިރާއްޖެ ހިމެނުނީ 19-24 ވަނަ އަށް ނަގާ ރޭންކިން ބްރެކެޓް ގައެވެ. މި ބްރެކެޓްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ދިވެހިރާއްޖެ 3-2 އިން މޮޅުވެ، ޕާކިސްތާނާ ދެކޮޅަށް ފިރިހެން ޓޭބަލް ޓެނިސް ޓީމުން ހޯދި ފުރަތަމަ މޮޅު ރެކޯޑު ކުރި އެވެ.

މި މުބާރާތުގައި ދިވެހި ކުޅުންތެރިން ދައްކަމުންދާ ހުނަރުވެރި ކުޅުމާއި ހޯދަމުންދާ ކުރިއެރުންތަކުން، ގައުމީ ޓޭބަލް ޓެނިސް ޓީމުގެ މުސްތަގުބަލާ މެދު އުއްމީދީ ތަސައްވުރެއް އާވެ އެވެ.

މުބާރާތުގެ ކުރިއަށް އޮތް މެޗުތަކުގައިވެސް ދިވެހި ޓީމުތަކުން މިފަދަ ފޯމެއްގައި ކުޅެ، އިތުރު ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުއްމީދު ކުރެވެ އެވެ.