ކުޅިވަރު

60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި، ބޮޑު ތަރުހީބެއް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކުރާ ގައުމީ ޓޭބަލް ޓެނިސް މުބާރާތް އިއްޔެ ފަށައިފި އެވެ.

މިފަހަރުގެ މުބާރާތަކީ ޓޭބަލް ޓެނިހުގެ ތާރީހުގައި ބާއްވާ 60 ވަނަ ގައުމީ މުބާރާތެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ މުބާރާތުގައި ބައިވެރިންގެ އަދަދު ގިނަ އެވެ. ޖުމްލަ 65 ކުޅުންތެރިން މުބާރާތުގައި ވާދަކުރާއިރު ފުރަތަމަ ފަހަރަށް އަތޮޅު ތެރެއިން ޓީމެއް ވެސް ވަނީ ބައިވެރިވެފަ އެވެ. ޖޫނިއާ ކެޓެގަރީގައި އަތޮޅު ތެރެއިން ވާދަކުރަނީ ފުވައްމުލަކު ޓީމެވެ.

މާލޭގެ ޓޭބަލް ޓެނިސް ހޯލުގައި އިއްޔެ ފެށި މުބާރާތް މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. މުބާރާތުގައި ތިން ކެޓެގަރީ އެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އެއްވަނަ ޑިވިޝަނުގެ އިތުރުން 13 އަހަރުން ދަށާއި 17 އަހަރުން ދަށެވެ. މި ކެޓެގަރީތަކުން އަންހެން އަދި ފިރިހެން ސިންގަލްސް މެޗުތަކާއި މިކްސް ޑަބަލްސް މެޗުތައް ކުރިއަށް ގެންދާނެ އެވެ.

13 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ބައިގައި 22 ކުޅުންތެރިން ވާދަކުރާއިރު އަންހެން ސިންގަލްސް ބައިގައި 20 ކުޅުންތެރިން ވާދަކުރެ އެވެ. 17 އަހަރުން ދަށުގެ ސިންގަލްސް ފިރިހެން ބައިގައި 10 ކުޅުންތެރިން ވާދަކުރާއިރު މި އުމުރުފުރާގެ އަންހެން ސިންގަލްސްގައި 11 ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.

ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސްގައި 12 އަދި އަންހެން ސިންގަލްސްގައި 10 ކުޅުންތެރިން ވާދަކުރެ އެވެ.