ކުޅިވަރު

މިއީ އަދި ތައްޓާ މެދު ވިސްނަންވީ ވަގުތެއް ނޫން: އާޓެޓާ

ބްރައިޓަން ދަނޑުގައި 4-2 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އާސެނަލް ހަތް ޕޮއިންޓުގެ ލީޑެއް ނެގިޔަސް މިއީ އަދި ތައްޓާ މެދު ވިސްނަންވީ ވަގުތު ނޫން ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މިއަހަރު ލީގުގައި ކުޅުނު ފަހު މެޗުގައި އާސެނަލުން ވަނީ މޮޅު ކުޅުމެއް ދައްކައި ވަރުގަދަ ބްރައިޓަންގެ މައްޗަށް ކުރި ހޯދާފަ އެވެ. އާސެނަލަށް އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ލިބުމާ އެކު އެޓީމަކީ މިފަހަރުގެ ލީގު ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކަމަކު އާސެނަލްގެ ކޯޗު އާޓެޓާގެ ވިސްނުން އަދި ހުރީ އެގޮތަކަށް ނޫނެވެ.

"ހަމައެކަނި އަމާޒަކީ މެޗަކަށް ވުރެ މެޗެއް ރަނގަޅުކުރުން. ތާވަލުގައި އެއްވަނައިގައި އޮތް ފަރަގަކީ މިވަގުތު އެއްވެސް އެއްޗެއް ނޫން" އާޓެޓާ ބުންޏެވެ.

ލީގުގައި އެއްވަނައިގައި އާސެނަލް އޮތީ 43 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ކޮންމެ ޓީމަކުން މިހާރު ވަނީ 16 މެޗު ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި 16 މެޗު ނިމުނުއިރު އާސެނަލް އޮތީ ސިޓީ އަށް ވުރެ 12 ޕޮއިންޓް ފަހަތުގަ އެވެ.

ރޭގެ މެޗު ފަށައިގެން ދެވަނަ މިނެޓުގައި އާސެނަލްގެ ބުކަޔޯ ސަކާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އޭގެފަހުން 39 ވަނަ މިނެޓުގައި މާޓިން އޮޑިގާޑްގެ ގޯލުން އާސެނަލް ލީޑު ފުޅާކުރި އެވެ. ދެވަނަ ހާފު ފަށައިގެން އުފެއްދި ފުރަތަމަ ހަމަލާގައި އެޑީ އެންކެޓިއޭގެ ގޯލުން އާސެނަލް ލީޑު ފުޅާކުރި އެވެ.

އާސެނަލް ބޮޑު ލީޑެއްގައި އޮއްވައި ބްރައިޓަންގެ ކައޮރޫ މިޓޯމާ 65 ވަނަ މިނެޓުގައި ގޯލެއް ޖަހައި ފަރަގު ކުޑަކުރި އެވެ. އެކަމަކު 71 ވަނަ މިނެޓުގައި އޮޑިގާޑް ދިން ޕާހަކުން ގެބްރިއެލް މާޓިނެލީ ވަނީ އާސެނަލްގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ހަ މިނެޓު ފަހުން ބްރައިޓަންގެ އިވާން ފާގަސަން ބްރައިޓަންގެ ދެވަނަ ގޯލު ޖެހި އެވެ. ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ބްރައިޓަންގެ މިޓޯމާ އިތުރު ގޯލެއް ޖެހި ނަމަވެސް ވީއޭއާރުގެ އެހީގައި ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.

"އަހަރެމެން މި މޮޅުވީ ވަރަށް ވަރުގަދަ ޓީމެއް އަތުން. އެކަމަކު ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި. ހާއްސަކޮށް ޑިފެންސް ކުރާއިރު ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކުރެވޭ" އާޓެޓާ ބުންޏެވެ.