ކުޅިވަރު

އާސެނަލް ދަނޑުގައި މޮޅުވެ ސިޓީ އެއްވަނަ އަށް

ރޭ އާސެނަލްގެ ސްޓޭޑިއަމްގައި އެޓީމު 3-1 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.

މި ސީޒަނުގައި ލީގަށް އެންމެ ގާތުން ވާދަކުރަމުން އަންނަނީ އާސެނަލް އާއި ސިޓީ އެވެ. ރޭގެ މެޗާ ހަމައަށް އާސެނަލް ލީގުގައި އެއްވަނަ މަގާމް ގިނަ ދުވަސްތަކެއް ވަންދެން ހިފެހެއްޓި އެވެ. މިދިޔަ ނޮވެމްބަރު މަހުގެ ފަހުން ސިޓީ އަށް ލީގުގެ އެއްވަނަ އަށް އެރުނު މިއީ ފުރަތަމަ ފަހަރެވެ.

ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އާސެނަލުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރިއިރު އެޓީމާއި ސިޓީއާ ދެމެދު 8 ޕޮއިންޓުގެ ފަރަގެއް އޮތެވެ. އެކަމަކު އޭގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ސިޓީ އެއްވަނަ އަށް އެރީ އާސެނަލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ.

ސިޓީ އަށް 23 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު އާސެނަލަށް 51 ޕޮއިންޓް ލިބިފައިވަނީ 22 މެޗުންނެވެ. މަދުވާ މެޗުން މޮޅުވެގެން އާސެނަލަށް އަދިވެސް އެއްވަނަ އަށް އެރޭނެ އެވެ. ލީގުގެ ތިންވަނައިގައި އޮތީ 23 މެޗުން 46 ޕޮއިންޓް ލިބިފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ.

މެޗަށް ނުކުތްއިރު އާސެނަލަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެޓީމުގެ މުހިއްމު މިޑްފީލްޑަރު ތޯމަސް ޕާޓޭ އަށް އަނިޔާވެ ނުކުޅެވުމެވެ. ޕާޓޭގެ ބަދަލުގައި އެ މަގާމް އަދާކުރީ ޖެނުއަރީ މަހު އެޓީމާ ގުޅުނު ޖޯޖީނިއޯ އެވެ. ލީގުގައި އެސްޓަން ވިލާ އަތުން މޮޅުވި މެޗުގައި އަނިޔާވި އާލިން ބްރައުޓް ހާލަންޑް ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ.

ރޭގެ މެޗުގައި ސިޓީގެ ފުރަތަމަ ގޯލު 24 ވަނަ މިނެޓުގައި ޖެހީ ކެވިން ޑި ބްރޭނާ އެވެ. އާސެނަލްގެ ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ އެޓީމުގެ ގޯލްކީޕަރަށް ފަހަތަށް ޖައްސާލި ބޯޅަ ހޯދުމަށް ފަހު ޑި ބްރޭނާ ގޯލަށް ވައްދާލީ ކީޕަރު ބޯމަތިން ޖަހަ އެވެ. އާސެނަލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކީޕަރު އެޑަސަން އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއޭ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ 42 ވަނަ މިނެޓުގައި ވައްދާލީ ބުކަޔޯ ސަކާ އެވެ.

ދެވަނަ ހާފުގައި ސިޓީ އިން ވަނީ އެޓޭކުތައް ވަރުގަދަކޮށް އާސެނަލަށް ނުރައްކާކޮށްފަ އެވެ. ސިޓީގެ ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖެހީ މިހާރު ރަނގަޅު ފޯމެއްގައި ހުރި ޖެކް ގްރީލިޝް އެވެ. އިލްކާއީ ގުންޑޮގަން ޖައްސާލި ބޯޅަ ގްރީލިޝް ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ސިޓީގެ ފަހު ގޯލު 82 ވަނަ މިނެޓުގައި ޖެހީ ހާލަންޑް އެވެ. ޑި ބްރޭނާ ދިން ބޯޅަ ހޯދުމަށް ފަހު ހާލަންޑް ވަނީ ގޯލުގެ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

ލީގުގައި ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު އާސެނަލް ނުކުންނާނީ ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށެވެ. ހަމަ އެދުވަހު ސިޓީ ރަށުން ބޭރުގައި ކުޅޭނީ ނޮޓިންހަމް ފޮރެސްޓާ އެވެ.