އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ކަން މި ސީޒަނުގައި ބާކީ ދެ މެޗު އޮއްވައި މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފި އެވެ.
ސިޓީ އަށް މިކާމިޔާބު ލިބިގެން ދިޔައީ ލީގު މޮޅަށް ފަށައި، މުޅި ސީޒންގެ ތެރޭގައިވެސް މޮޅަށް ކުޅެމުން ލީގު ތާވަލުގައި ލީޑު ދަމަހައްޓަމުން އައި އާސެނަލް ރޭ ކުޅުނު ފަހު މެޗުން 1-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވުމުންނެވެ.
ލީގު ފައްޓައިގެން އެންމެ ފަހު ފަސްވަރަކަށް މެޗަށް އައިއިރުވެސް އާސެނަލް އޮތީ ތާވަލުގެ ކުރީގަ އެވެ. ނަމަވެސް އާސެނަލްގެ މޮޅު ކުޅުން ފަހު ވަގުތު ނިންމާލަން ޖެހުނީ ހުސް އަތާ އެވެ. އެކަމަކު އެ ޓީމަށް އަންނަ ސީޒަންގައި ޔޫރަޕިއަން ޗެމްޕިއަންސް ލީގަށް ޕްރިމިއާ ލީގުގެ ދެވަނައިގެ ގޮތުގައި ކޮލިފައިވުން އެއީ ބޮޑު ކާމިޔާބެކެވެ.
އާސެނަލް އަށް ލީގު ހޯދުމުގެ ކުޑަ ނަމަވެސް އުއްމީދެއް އޮތް މި މެޗު ބޮޑު ޕްރެޝަރަކާއެކު ފައްޓަން ޖެހުމުން ނޮޓިންހަމް އޭގެ ފައިދާ ނަގައި ތާވަލުގެ ފުލުން ފަސްވަނަ ހަމަޖެހިލައިގެން ވަނީ ހޯދާފަ އެވެ. މި މެޗުގައި ފޮރެސްޓުން ވަނީ މޮޅަށް ކުޅެ ފުރަތަމަ ހާފްގައި ހަމައެކަނި ޖެހި ލަނޑުން މެޗުގެ ނަތީޖާ ނިމެންދެން ހިފަހައްޓާލާފަ އެވެ.
މި މެޗު ފެށުމުގެ ކުރިން އާސެނަލް އޮތީ 37 މެޗުން 81 ޕޮއިންޓް ހޯދާފަ އެވެ. ސިޓީން ވަނީ ރެ އާއި ހަމައަށް 35 މެޗުން 85 ޕޮއިންޓް ހޯދާފަ އެވެ. އެހެންކަމުން ރޭގެ މެޗުން ތާވަލުގެ ދެވަނައިގައިވާ އާސެނަލްގެ ފަހު މެޗުން ބަލިވުމުން ސިޓީއަށް އެއްވެސް ދަލެއް އޮހޮރުވުމަކާ ނުލައި ނުކުޅެ ބާކީ ދެމެޗު އޮއްވާ ލީގް ޗެމްޕިއަން ކަން ލިބިގެން ދިޔައީ އެވެ. މިއީ މެންޗެސްޓާ ސިޓީން ލީގު ހޯދި ނުވަވަނަ ފަހަރެވެ.
ސިޓީ އަށް ލީގު ލިބުމުން މި ސީޒަނުގެ ހުރިހާ ތައްޓެއް ހޯދުމަށް ރެކޯޑް ހެދުމަށް މިވަނީ ފުރުސަތު ލިބިގެން ގޮސްފަ އެވެ. އެއީ އިނގިރޭސި އެފްއޭ ކަޕާއި، ޕްރިމިއާ ލީގް ޗެމްޕިއަން ކަން މިހާރު ހޯދާފައިވުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވާތީ އެވެ. މި ޓްރެބްލް ރެކޯޑް މީގެ ކުރިން ހަދާފައިވާ ހަމައެކަނި އިނގިރޭސި ޓީމަކީ ސިޓީގެ ވާދަވެރި އަވައްޓެރި މެންޗެސްޓާ ޔުނައިޓެޑެވެ. އެހެންކަމުން މިފަހަރުގެ ޔޫރަޕިއަން ފުޓްބޯޅައިގައި ސިޓީގެ މޮޅު ތަރިންގެ މޮޅު ކުޅުމުން މިވަނީ ޔޫރަޕުގައި ސިޓީގެ މަޝްހޫރު ކޯޗް ޕެޕާއެކު މިސީޒަން ރަން އަކުރުން ފަވާލާފަ އެވެ.