ބޮލީވުޑް

އަކްޝޭގެ "އެއާލިފްޓް" ބޮކްސް އޮފީހުގެ އެންމެ އުހަށް

Jan 24, 2016

މިއަހަރުގެ ފުރަތަމަ ހަފްތާގައި ނިކުތް ހިންދީ ފިލްމު "ވާޒިރް" އަށް ބެލުންތެރިން މާބޮޑު ތަރުހީބެއް ނުލިބި، ރީތި ފިލްމެއް ރިލީޒްވުމުގެ އިންތިޒާރުގައި ބެލުންތެރިން ވަނީ ދުވަސްތަކެއް މަޑުކޮށްފަ އެވެ.

ހުކުރު ދުވަހު ރިލީޒްވި އަކްޝޭ ކުމާރު އާއި ނިމްރަތް ކޯރް ލީޑްރޯލުން ފެނިގެންދާ "އެއާލިފްޓް" ވަނީ ބެލުންތެރިން ހިތް އަތުލާފަ އެވެ.

މިފިިލްމަކީ މޮޅު ވާހަކައެއްގެ މައްޗަށް ވަރަށް މޮޅަށް ރާވާލާފައިވާ ފިލްމެއް ކަމަށް ފާޑުކިޔާފަރާތްތަކުންނާއި ބެލުންތެރިން އަންނަނީ ބުނަމުންނެވެ.

ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު އިރާގު ސިފައިން ކުވޭތަށް އަރައި އެތަން ހިސޯރުކުރި ދުވަސްވަރު ކުވޭތުގައި ތާށިވެފައި ތިބި އިންޑިޔާގެ ރައްޔިތުން އެތަނުން ސަލާމަތްވާން ކުރާ މަސައްކަތް ފެނިގެންދާ މިފިލްމަށް ފުރަތަމަ ދުވަހު ވަނީ 12.35 ކްރޯޑް (123 މިލިއަން) ރުޕީޒް ލިބިފަ އެވެ.

"އެއާލިފްޓް" އަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ހިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ މިފިލްމުގެ ފުރަތަމަ ދުވަސް އާޝޯހްވާ ވަރަށް ކާމިޔާބު ކަމަށާއި މިފިލްމާއި ބެހޭގޮތުން މުޅިން ވެސް ދައްކަމުން އަންނަނީ ރަނގަޅު ވާހަކަތައް ކަމުން، ހަފްތާ ބަންދުގައި ފިލްމުގެ ވިޔަފާރި ދެގުނައަށް ބޮޑުވާނެ ކަމަށެވެ.

މިފިލްމާއެކު ހުކުރު ދުވަހު ވަނީ އެކްތ ކަޕޫރުގެ ކޮމެޑީ ފިލްމު "ކިޔާ ކޫލްހޭ ހަމް 3"ވެސް ރިލީޒްކޮށްފަ އެވެ. މިފިލްމަށް ފާޑުކިޔުންތެރިން އިންތިހާއަށް ފާޑުކިޔާފައިވީ ނަމަވެސް މިފިލްމުގެ ވިޔަފާރިވެސް ވަކި ދަށެއް ނޫނެވެ. ފުރަތަމަ ދުވަހު މިފިލްމަށް ވަނީ 8 ކްރޯޑް (80 މިލިއަން) ރުޕީޒް ލިބިފަ އެވެ.

މިދެފިްލްމާއި ބެހޭގޮތުން ފާޑުކިޔާފަރާތްތަކުން ބުނެފައިވަނީ ދެފިލްމަކީ މުޅިން ތަފާތު ދެވައްތަރެއްގެ ފިލްމަށް ވުމުން، ފިލްމުގެ އޯޑިއެންސް ތަފާތު ކަމަށެވެ. އަދި "ކިޔާ ކޫލްހޭ ހަމް 3" އަކްޝޭގެ ފިލްމާއި ވާދަނުކުރެވޭ ކަމަށްވެސް ގިނަ ރިވިއުތަކުގައިވެ އެވެ.

"އެއާލިފްޓް" އަށް ފުރަތަމަ ދުވަހު ލިބިގެން ގޮސްފައިވާ އާމްދަނީ އާއެކު މިފިލްމު ވަނީ މިދިޔަ އަހަރު ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުގެ ބެނާގެ ދަށުން ރިލީޒްވެފައިވާ ފިލްމުތަކަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީއާއި އެއްވަރެއްގެ އާމްދަނީއެއް ލިބިފަ އެވެ. މިފިލްމު ތަކުގެ ތެރޭގައި ބާޖީރާއޯ މަސްތާނީ އަށް ވަނީ 12.8 ކްރޯޑް އަދި ތަމާޝާ އަށް ވަނީ 12 ކްރޯޑް ލިބިފަ އެވެ.

މިފިލްމުގައި ރަންޖީތު ކަޓްޔާލް (އަކްޝޭ ކުމާރު) ކިޔާ މީހަކު ކުވޭތުގައި ތާށިވެފައި ތިބޭ އިންޑިއާގެ ރައްޔިތުން އެތަނުން ސަލާމަތްކުރަން ކުރާ ބުރަ އަދި ބިރުބޮޑު ދަތުރު ފެނިގެންދެ އެވެ. ކަޓްޔާލްގެ ބުރަ މަސައްކަތުން އެތަކެއް ކިލޯމީޓަރެއް ހުރަސްކޮށް ޖޯޑުންގެ ވެރިރަށް އައްމާނަށް އެމީހުން ސަލާމަތުން ގެންދާއިރު، އައްމާނުން އިންޑިޔާއަށް އެ ގައުމުގެ ބައި ލައްކަ އަށް ވުރެން ގިނަ މީހުން ސަލާމަތްތެރި ކަމާއެކު ވަނީ ގެންގޮސްފަ އެވެ.

ރާޖާ ކްރިޝްނާ މެނޮން ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ މުހިންމު ރޯލަކުން ޕޫރަބް ކޯލީ ވެސް ފެނިގެންދެ އެވެ. ފުރަތަމަ ދުވަހު މިފިލްމަށް ލިބުނު ތައުރީފުތަކަށް ބަލައި، ހަފްތާ ބަންދުގައި ވިޔަފާރި ވަރަށް ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭއިރު، މި އަންގާރަ ދުވަހަކީ ވެސް އިންޑިއާއަށް ބަންދު ދުވަހަކަށް ވުމުން މިއީ ބޮކްސް އޮފީސް ފަތަހަކޮށްލަން މިފިލްމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ފާޑުކިޔާ ގިނަފަރާތްތަކުން މިފިލްމަށް ދީފައިވަނީ ފަސް ތަރީގެ ތެރެއިން ހަތަރު ތަރި އެވެ. ނުވަތަ ތިން ތަރި ބައެވެ.