ދުނިޔެ

ދެކުނު ކޮރެއާއިން ޓެސްލާ 2.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ފިނި މޫސުމުގައި ޓެސްލާ ކަރަންޓް ކާރުތަކަށް ދަތުރުކުރެވޭ ދުރުމިން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްފައި ނުވާތީ ޓެސްލާ ކުންފުނި ޖޫރިމަނާކުރާ ގޮތަށް ދެކުނު ކޮރެއާގެ އެންޓިޓްރަސްޓް ރެގިއުލޭޓަރު ނިންމައިފި އެވެ.

ޓެސްލާ ޖޫރިމަނާކުރަން ނިންމާފައިވަނީ 2.2 މިލިއަން ޑޮލަރުންނެވެ.

ކޮރެއާ ފެއާ ޓްރޭޑް ކޮމިޝަނުން ބުނާ ގޮތުން ޓެސްލާ ކަރަންޓް ކާރުތައް އެއްޗާޖުން ދުއްވޭ ދުރުމިނާ މެދު ޓެސްލާ ވަނީ އޮޅުވާލާފަ އެވެ.

އެ ކުންފުނީގެ ކޮރެއާ ވެބްސައިޓްގައި ވަރަށް ފަހަކާ ޖެހެންދެން ހުރި މައުލޫމާތަށް ބަލާއިރުވެސް -- ކާރުތަކަށް އެކި ފިނިހޫނު މިނުގައި ހަަކަތަ ބޭނުންވާ ވަރުވެސް ވަނީ އޮޅުވާލާފަ އެވެ.

ފެއާ ޓްރޭޑް ކޮމިޝަނުން ބުނީ ކާރުތައް ދުވާނެ ކަމަށް އިޝްތިހާރުކުރާ ދުރުމިނަށް އެއްޗާޖުން ނުދުވާ ކަމަށާއި އަދި ފިނި މޫސުމުގައި ދުވަނީ ބުނެފައި އޮންނަ ވަރުގެ ދެބައިކުޅަ އެއްބަޔަށް ކަމަށެވެ.

ފިނި މޫސުން ލައިގަތުމުން ކާރުތައް ދުއްވާ ގޮތަށް ސަމާލުވުމަށް ވެބްސައިޓްގައި ބުނެފައިވާ ކަމަށް ފެއާ ޓްރޭޑް ކޮމިޝަނުން ބުނެ އެވެ.

ކާރުތަކަށް ރަނގަޅު އަދި މީހުން ސަމާލުވުމަށް އެކަށީގެންވާ ގޮތުގައި ބުނެދީފަައި ހުރި ނަމަވެސް، ދަތުރުކުރެވޭ ދުރުމިން ފާހަގަކޮށް ސަމާލުވުމަށް ބުނެފައި ނުވާ ކަމަށްވެސް ރެގިއުލޭޓަރު ވަނީ ބުނެފަ އެވެ.

މިކަމުގެ ސަބަބުން ޓެސްލާ ކާރުތައް ދުއްވާ މީހުންނަށް ލަނޑު ލިބި ބޮޑެތި ގެއްލުން ވެފައި ހުރި ކަމަށްވެސް ފެއާ ޓްރޭޑް ކޮމިޝަނުން ބުނެ އެވެ.

ކަރަންޓް ކާރު ދުއްވާ މީހުން ބުނާ ގޮތުން ފިނިގަދައިރު ކާރުތަކުގެ ބެޓެރީ ޗާޖުކުރަން ޖެހޭ ނިސްބަތް އަވަހެވެ. އަދި އާދައިގެ ދުވަސްތަކުގައި ދަތުރުކުރެވޭ ދުރުމިނަށް ފިނީގައި ދަތުރެއް ނުކުރެވެ އެވެ. އެ މީހުން ބުނާ ގޮތުން ބެޓެރީ މައްސަލަތައް އެންމެ ބޮޑީ ޓެސްލާ ކާރުތަކުގަ އެވެ.

ދެކުނު ކޮރެއާ އިން މިދިޔަ އަހަރު މާސިޑީޒް ބެންޒް އުފައްދާ ކުންފުނި ވެސް ޖޫރިމަނާކުރި އެވެ. ޖޫރިމަނާކުރަން ޖެހުނު ސަބަބެއް ކަމަށް ބުނީ ވެހިކަލްތަކުން ގޭސް ބޭރުކުރާ މިންވަރު ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައިވާތީ ކަމަށެވެ. ޖޫރިމަނާކުރީ 16.2 މިލިއަން ޑޮލަރުންނެވެ.