ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަޑުއަހާނަން، އަޅަކަށް ނުވާނަން: ރައީސް

Jan 4, 2023

ސަރުކާރު ކަންކަމާ ގުޅޭ ހިޔާލާއި މަޝްވަރާ އަބަދުވެސް ދެވޭނެ ކަމަށާއި އެކަމަކު އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މައި ހަރުގޭގައި މިރޭ އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ސަރުކާރު ހިންގުމާ އެމަނިކުފާނު ހަވާލުވެ ހުންނެވީތީވެ ސަރުކާރުގެ ކަންކަމުގައި ކޮންމެ ބޭފުޅަކަށްވެސް މަޝްވަރާ ދެވޭނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑު މިއަދުވެސް ދަންނަވާނީ އެއްވެސް މީހެއްގެ އަޅަކަށް ނުވާނަމޭ. މަޝްވަރާ ދެއްވަަންވީ. ވާހަކަތައް ހިއްސާ ކުރަންވީ. އަޅުގަނޑު ކަންތައްތައް ނިންމުމުގައި ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް މަޝްވަރާ ލިބުމުން ގޮތް ނިންމަވަނީ ކޯލިޝަން ޕާޓީތަކާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ވެސް މަޝްވަރާ ކުރެއްވުމަށްފަހު އެވެ. އަދި ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެ އުސޫލު ހިފަހައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެވެެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މިވަގުތު ކުރިމަތިލައްވައިގެން ހުންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އިދިކޮޅު ކެންޑިޑޭޓެއް މިވަގުތު ނެތް ކަމަށެވެ. އެކަމަކު ރައީސް މުހައްމަދު ނަޝީދަކީ ވާދަވެރި ކެންޑިޑޭޓެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އެހެންވެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ރިއެކްޓް ކުރަން ބޭނުން ނުވާ ކަމަށާއި އެކަމަކު ކަނޑައެޅިގެން ބައެއް ކަންކަން އޮޅުވާލައްވާތީ ޖަވާބު ދެއްވަންޖެހިވަޑައިގެންފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން އެންމެ ބޮޑަށް އޮޅުވާލާ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ދައުލަތު ދަރަނީގެ މައުލޫމާތެވެ. އެގޮތުން ރައީސް ވިދާޅުވީ އަވަށްޓެރި ސްރީލަންކާގެ ހާލަތަށް ރާއްޖެ ގެންދިއުމަށް ދަރަނީގެ ވާހަކަތައް ގަސްދުގައި އޮޅުވާލައިގެން އިގްތިސާދީ މަސައްކަތްތައް ހުއްޓުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

ދިވެހި ދައުލަތުން މިހިނގާ ޖެނުއަރީ މަހު ލޯނުގެ ގޮތުގައި 70 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އަދި އޭގެ ފަހުން ކޮންމެ މަހަކު 40 އައި 50 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލޯނަށް ދައްކަންޖެހޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަދައްކަވާފައިވާތީ ރައީސް ވަނީ އެކަމުގެ ހަގީގަތް ސާފުކޮށްދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ލޯނަށް މިމަހު ދައްކަންޖެހެނީ 29 މިލިއަން ޑޮލަރު ކަމަށާއި ފެބްރުއަރީ މަހު 14 މިލިއަން ޑޮލަރު ދެއްކުމަށްފަހު މާޗު މަހު ދައްކަންޖެހެނީ 27 މިލިއަން ޑޮލަރު ކަމަށެވެ.

"ރައްޔިތުންނަށްޓަކައި މިވާހަކަތައް އަޅުގަނޑު އޮޅުން ފިލުވައިދޭން ބޭނުމީ. މިއީ ރިއެކްޓް ކުރުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.