ދުނިޔެ

ފަރަންސޭސިވިލާތުގައި ޕެރަސެޓަމޯލް އޮންލައިންކޮށް ވިއްކުން މަނާކޮށްފި

ފަރަންސޭސިވިލާތުގައި ސަޕްލައިގެ ދަތިކަން ކުރިމަތިވެ ބޭހަށް ޖެހޭ ހާލަތު އޮތީ ކުރިމަތިވެފަ އެވެ. މި ސަބަށްޓަކައި -- ބޭނުންހާ ބަޔަކަށް އަދި ބޭނުންހާ ތަނަކުން -- ބައެއް ބާވަތްތަކުގެ ބޭސް ގަންނާކަށް ނުލިބެ އެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވެފައި މިވަނީ ޕެރަސެޓަމޯލް އެވެ.

ފަރަންސޭސި ސަރުކާރުގެ އިލްތިމާސަކީ އޮންލައިން ފިހާރަތަކުން ޕެރަސެޓަމޯލް ނުވިއްކުމެވެ. އަދި އާންމު ފާމަސީތަކުން ވެސް ފަރުދަކަށް ވަކި މުއްދަތަކަށް ފުދި އިތުރުވާ ވަރަށް ޕެރަސެޓަމޯލް ނުވިއްކުމެވެ.

ޕެރަސެޓަމޯލަކީ އާދައިގެ ހާލަތްތަކުގައި ރިހޭ ބޮލުގައި ރިހުމަށާއި ދެތިން ދުވަހަށް އަންނަ ހުމަށް އަދި ސަބަބު ނޭނގޭ ކުދި ރިހުންތަކަށް ވަރަށް އަތްމަތީ ބޭހެކެވެ. މިއީ ޕެއިންކިލާ -- ތަދުފިލުވާ ބޭހެއް ގޮތުގައި އާންމުން އެންމެ ގިނައިން ބޭނުންކުރާ ބޭހެވެ.

ސަރުކާރުން އާންމުގެ ސަމާލުކަމަށް ބަޔާނެއް ނެރެ ޖެނުއަރީ 31، 2023 ގެ ނިޔަލަށް އޮންލައިންކޮށް ޕެރަސެޓަމޯލް ވިއްކުން ވަނީ މަނާކޮށްފަ އެވެ. އެ ތާރީހަށް ފަހު ސަޕްލައި ރަނގަޅުވާން ފެށުމުން މިބަންދު ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.

މި ބަޔާނުގައި މަނާކޮށްފައި ވަނީ ޕެރަސެޓަމޯލް އިތުރުން ޕެރަސެޓަމޯލް ހިމަނައިގެން ދަތުކަނޑުވަން އުފައްދާފައި ހުންނަ ބޭހެވެ.

ޚަބަރުތައް ބުނާ ގޮތުން ފަރަންސޭސި ސަރުކާރުން ޕެރަސެޓަމޯލަށް މިފަދަ އަމުރެއްކޮށްފައި ވަނީ ޗައިނާގައި ކޮވިޑް ކޭސްތައް ގިނަވެ ޕެނަޑޯލް އެކްސްޕޯޓްކުރުން މަޑުޖައްސާލުމުންނެވެ. ޗައިނާ އަކީ ޔޫރަޕްގެ ބައެއް ގައުމުތަކަށް ވަރަށް ގިނައިން ފާމަސޫޓިކަލްސް -- ބޭހާ ގުޅުން ހުރި ބާވައްތައް އެކްސްޕޯޓްކުރާ ގައުމެކެވެ.

ފަރަންސޭސި ސަރުކާރުން ބުނާ ގޮތުން ޕެރަސެޓަމޯލް އޮންލައިންކޮށް ވިއްކުން މުޅިން ހުއްޓުވަން ޖެހުނީ، މަނާނުކޮށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ފަހު އެއިން އެއްވެސް ކަމަކުން ހެޔޮ ނަތީޖާއެއް ނުފެނުމުންނެވެ.

ޕެރަސެޓަމޯލަށް ދަތިތައް ދިމާވެދާނެ ކަމަށް ހެލްތު އޭޖެންސީތަކުގައި މީގެ ހައެއްކަ މަސް ކުރިން ވެސް ބުނެފައިވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެހެން ނަމަވެސް އެކަށީގެންވާ ގޮތުގައި ހަރުދަނާ ފިޔަވަޅެއް އެޅިވައި ނުވާތީ މަނާކުރަން ޖެހުނީ ކަމަށް ސަރުކާރުގެ އޮފިޝަލުން ބުނެ އެވެ.

ޔޫރަޕު ބޭހަށް ޖެހުމުގައި އޮތް މައިގަނޑު ސަބަބަކީ ޔޫރަޕްގެ ގައުމުތަކުން ޗައިނާ ފަދަ ބޮޑެތި ގައުމުތަކާ މެދު ދެކެން ފެށި ގޮތެވެ. ސިޔާސަތު މުޅިން ބަދަލުކޮށް އެމެރިކާއާ ގުޅިގެން ޗައިނާއަށް ދަތިކުރުމާއި -- ޗައިނާއާ ދުރުވުމަށް އެ ގައުމުތަކުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ވެސް ދަތިތައް ވަނީ ތަޖުރިިބާކުރަން ޖެހިފަ އެވެ.