ސްޕެނިޝް ކަޕްގައި ރޭ ތިންވަނަ ޑިވިޝަނުގެ އިންޓަސިޓީއާ ވާދަކޮށް 4-3 ގެ އުނދަގޫ ނަތީޖާއަކުން މޮޅުވެ ބާސެލޯނާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
ސްޕެނިޝް ކަޕްގައި ރޭ ތިންވަނަ ޑިވިޝަނުގެ އިންޓަސިޓީއާ ވާދަކޮށް 4-3 ގެ އުނދަގޫ ނަތީޖާއަކުން މޮޅުވެ ބާސެލޯނާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފި އެވެ.
އިންޓަސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ހަތަރު ވަނަ މިނެޓުގައި ޖެހީ ބާސެލޯނާގެ ރޮނާލްޑޯ އަރޫހޯ އެވެ. ބާކީ ހަ ގޯލު ފެނުނީ ދެވަނަ ހާފުގަ އެވެ.
ބާސެލޯނާ ކޮޅަށް އިންޓަސިޓީގެ ތިން ގޯލު ވެސް ޖެހީ އޮރިއޮލް ސޮލްޑެވިލާ އެވެ. ސޮލްޑެވިލާ އަކީ މިދިޔަ ސީޒަނަށް ފަހު އިންގްލެންޑުގެ ބާމިންހަމް ސިޓީ އިން ދޫކޮށްލި ކުޅުންތެރިއެކެވެ. ހެޓްރިކް ހެދުމުގެ އިތުރުން ސޮލްޑެވިލާ ވަނީ ވަރުގަދަ ބާސެލޯނާއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ސޮލްޑެވިލާ ލަނޑުތައް ޖެހީ 59، 74 އަދި 86 ވަނަ މިނެޓުގަ އެވެ.
ބާސެލޯނާގެ ދެވަނަ ގޯލު 66 ވަނަ މިނެޓުގައި ޖެހީ އުސްމާން ޑެމްބެލޭ އެވެ. ތިންވަނަ ގޯލު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބާސެލޯނާ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަންސޫ ފާޓީ އެވެ. މިއީ ރަފީނިއާގެ އެހީގައި އަންސޫ ފާޓީ ޖެހި ލަނޑެކެވެ. ލީޑު ނެގުމަށް ފަހު ބާސެލޯނާ ވަނީ އެ ނަތީޖާގައި ހިފަހައްޓައި އަނެއް ބުރު ކަށަވަރުކޮށްފަ އެވެ.
ސްޕެނިޝް ކަޕްގެ އެހެން މެޗުތަކަށް ބަލާއިރު ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރެއާލް އޮވިއޭޑޯއާ ވާދަކޮށް ރަށުން ބޭރުގައި 2-0 އިން މޮޅުވެފަ އެވެ. އެތުލެޓިކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ މާކޮސް ލޮރެންޓޭ އާއި ޕަބްލޯ ބަރިއޮސް ރިވާސް އެވެ.
ސްޕެނިޝް ކަޕްގެ ގަދަ 16 އިން ބާސެލޯނާގެ އިތުރުން ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑާޑް، ވިޔަރެއާލް، މަޔޯކާ، ލެވަންޓޭ އަދި ސްޕޯޓިން ޖިޖޮން ވަނީ ޖާގަ ހޯދާފަ އެވެ.