ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-2 އިން ކާޑިޒް ބަލިކޮށް ލީގުގެ އެއްވަނައި ކުރިން އޮތް 8 ޕޮއިންޓުގެ ލީޑު ބާސެލޯނާ އިން އަލުން ހޯދައިފި އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އޮސަސޫނާއާ ވާދަކޮށް ރެއާލް މެޑްރިޑް މޮޅުވުމުން ބާސެލޯނާގެ ލީޑު ފަސް ޕޮއިންޓަށް ކުޑަވި އެވެ. އެކަމަކު އެ ލީޑު އަލުން ހޯދީ ރޭ ކާޑިޒް ފަސޭހަކަމާ އެކު ބަލިކޮށްގެންނެވެ.
މިހާރު ބާސެލޯނާ އެއްވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.
ރޭގެ މެޗާ އެކު ބާސެލޯނާ ކޮޅަށް ގޯލު ނުވަދެ މި ސީޒަނުގެ ލީގުގައި ނިންމާލި މެޗުގެ އަދަދު ވަނީ 17 އަށް އަރައިފަ އެވެ. 22 މެޗުން ބާސެލޯނާ ހޯދި މި ކުރިއެރުމަކީ ލީގުގައި މީގެ ކުރިން ޓީމަކަށް ހެދިފައިވާ ރެކޯޑެއް ނޫނެވެ. 94-1993 ވަނަ ސީޒަނުގައި ޑިޕޯޓިވޯ އިން ލީގުގައި ކުޅުނު 22 މެޗުގައި 16 ކްލީންޝީޓް ހޯދި އެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ގޯލު 43 ވަނަ މިނެޓުގައި ޖެހީ ސާޖީ ރޮބާޓޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިން ގޯލު ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ފަހުން ބާސެލޯނާގެ ދަނޑުގައި ލެވަންޑޯސްކީ ޖެހި ފުރަތަމަ ލީގު ގޯލެވެ.
ބަޔާން މިއުނިކް ދޫކޮށް ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ ކުޅުނު ލީގު 19 މެޗުގައި ވަނީ 15 ގޯލު ޖަހައިފަ އެވެ.
މެޗުގައި ޖެހި ދެ ގޯލުގެ އިތުރުން ލީޑު ފުޅާކުރަން ބާސެލޯނާ އަށް އިތުރު ފުރުސަތުތައް ވެސް ލިބުނެވެ.
ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯ 0-1 އިން ބަލިކޮށްފަ އެވެ. އެތުލެޓިކޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އޮންޓުއަން ގްރީޒްމަން އެވެ. މި މޮޅާ އެކު 41 ޕޮއިންޓް ހޯދައި އެތުލެޓިކޯ މިހާރު ވަނީ ގަދަ ހަތަރަކުން ޖާގަ ހޯދާފަ އެވެ.