ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯއާ ކުޅުނު މެޗުން ބާސެލޯނާ 1-0 އިން މޮޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑުން އެސްޕަންޔޯލް ބަލިކުރުމުން ރޭގެ މެޗަށް ނުކުތްއިރު ބާސެލޯނާ އަށް އެއްވަނައިގައި ލިބިފައި އޮތީ ހަ ޕޮއިންޓުގެ ލީޑެކެވެ. އެކަމަކު މޮޅާ އެކު އެޓީމު ވަނީ ކުރީގައި އޮތް ނުވަ ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ.
ރޭ ބާސެލޯނާގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ބްރެޒިލްގެ ރަފީނިއާ އެވެ. މި ގޯލަށް ފަހު ބާސެލޯނާ އަށް ވުރެ މޮޅަށް ކުޅެ ގިނަ ގިނަ ހަމަލާ އުފެއްދީ ބިލްބާއޯ އިންނެވެ. އެކަމަކު ދެވަނަ ހާފުގައި ބާސެލޯނާ އިން ވަނީ ލީޑު ދަމަހައްޓައި މެޗުން މޮޅުވެފަ އެވެ.
ބާސެލޯނާ އެއްވަނައިގައި އޮތީ 65 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރު ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. ސޮސިއެޑާޑް ރޭ ރަށުން ބޭރުގައި މަޔޯކާއާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ލީގުގައި އެތުލެޓިކޯ މެޑްރިޑް މިރޭ ކުޅޭ މެޗުން މޮޅުވެގެން ތިންވަނައިގައި އެޓީމަށް ލީޑެއް ލިބޭނެ އެވެ.
ބާސެލޯނާ އަތުން ބަލިވި ބިލްބާއޯ އޮތީ 33 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ. ރޭގެ މެޗަކީ މި ސީޒަނުގައި އެޓީމު ބަލިވި 10 ވަނަ މެޗެވެ.
ބިލްބާއޯ އިން ރޭ ވަނީ ބާސެލޯނާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެކަމަކު އެ ހަމަލާތައް ހުއްޓުވުމުގައި ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގަންގެ ހުށިޔާރުކަން ފެނުނެވެ.
މެޗުގެ ފަހުކޮޅު ބިލްބާއޯގެ އިނާކީ ވިލިއަމްސް ޖެހި ގޯލެއް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފަ އެވެ. ރެފްރީ ގޯލު ކެންސަލްކުރީ ގޯލު ޖެހުމަށް އުފެއްދި ހަމަލާގައި ބިލްބާއޯގެ އީކާ މުނިއައިން އަތުގައި ބޯޅައިން ޖެހުމުންނެވެ.
ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި 1-2 އިން އަލްމޭރިއާ ބަލިކޮށްފަ އެވެ. މި މޮޅާ އެކު ރެލިގޭޝަނުގައި ކުރިން އޮތް ސެވިއްޔާ ވަނީ 13 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އަލްމޭރިއާ އޮތީ 19 ވަނައިގަ އެވެ. ލީގުގައި ރޭ ވިޔަރެއާލް ދަނޑުގައި ރެއާލް ބެޓިސްއާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.