ކުޅިވަރު

ރޮނާލްޑީނިއޯގެ ދަރިފުޅު ބާސެލޯނާގެ ލަ މާސިއާ އެކެޑަމީ އަށް

ބާސެލޯނާގައި ކާމިޔާބު ފަސް ސީޒަން ހޭދަކުރި ބްރެޒިލްގެ ރޮނާލްޑީނިއޯގެ ދަރިފުޅު ޖޮއާއޯ މެންޑޭސް ބާސެލޯނާގެ ލަ މާސިއާ އެކެޑަމީއާ ގުޅިއްޖެ އެވެ.

އުމުރުން 18 އަހަރުގެ މެންޑޭސް ލަ މާސިއާ އެކެޑަމީގައި ކުޅޭނީ ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށެވެ. މެންޑޭސް މީގެ ކުރިން ހުރީ ބްރެޒިލްގެ ދެވަނަ ޑިވިޝަން ކްލަބް ކްރުޒެއިރޯގަ އެވެ. އެޓީމު ދޫކޮށް މެންޑޭސް މިހާރު ބާސެލޯނާއާ ގުޅިފައިވާކަން އެ ކްލަބުން ވަނީ ރަސްމީކޮށް ހާމަކޮށްފަ އެވެ.

ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ރޮނާލްޑީނިއޯ ވަނީ މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު 2005 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ރޮނާލްޑީނިއޯ ހޯދި އެވެ. އަދި، އޭގެކުރިން 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގައި ރޮނާލްޑީނިއޯ މުހިއްމު ދައުރެއް އަދާކުރި އެވެ.

2015 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލުމަށް ފަހު 42 އަހަރުގެ ރޮނާލްޑީނިއޯ މިހާރު އަދާކުރަމުން އަންނަނީ ބާސެލޯނާގެ އެމްބަސަޑަރެއްގެ ދައުރެވެ.

ބާސެލޯނާގެ ޔޫތު ޓީމާ މެންޑޭސް ގުޅުނުއިރު، އެޓީމަކީ ކާމިޔާބު ގިނަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ޓީމެކެވެ. ބާސެލޯނާގެ ލަ މާސިއާ އިން ނުކުމެ ވިދާލި ކުޅުންތެރިންގެ ތެރޭގައި މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ އާއި އެޓީމުގެ މިހާރު ކޯޗު ޒަވީ ހިމެނެ އެވެ.