ގަން އިންޓަނޭޝަނަލް އެއާޕޯޓް

ފްލައި ޑުބާއީ އިން އައްޑޫއަށް ދަތުރުތައް ފެށުން ފަސްކޮށްފި

ފްލައި ޑުބާއީ އެއާލައިނުން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށަން ނިންމާފައިވާ ދަތުރުތައް ފަސްކޮށްފި އެވެ.

ޔޫއޭއީގެ ބަޖެޓު އެއާލައިން ފްލައި ޑުބާއީގެ ރާއްޖޭގެ އޭޖެންޓް އިނާ މޯލްޑިވްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފްލައި ޑުބާއީ އިން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއަށް ފަށަން ނިންމާފައިވީ ދަތުރުތައް މިހާރު ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ އެއާލައިނުގެ ދަތުރުތައް އައްޑޫއަށް ދެން ފަށާނީ އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހު ކަމަށް ވެސް އިނާ މޯލްޑިވްސްއިން ބުނެ އެވެ.

މި ބަޔާނުގައިވާ ގޮތުން އައްޑޫއަށް ކުރާ ފްލައި ޑުބާއީގެ ދަތުރުތައް ފެށުން ފަސްކުރަން އެ އެއާލައިނުން ނިންމީ މި ދަތުރުތައް މާކެޓްކުރަން އިތުރު ވަގުތު ބޭނުންވާތީ އެވެ. މިގޮތުން އަށް މަންޒިލެއްގައި އޮންނަ ޓްރެވަލް އެކްސްޕޯތަކެއްގައި ބައިވެރިވެ، ރާއްޖެއަށް އެ އެއާލައިނުން ކުރާ ދަތުރުތައް އިޝްތިހާރު ކުރުމަށް ފްލައި ޑުބާއީ އިން ވަނީ ނިންމާފަ އެވެ.

އެ މަންޒިލުތަކަކީ މެޑްރިޑް، ޒިއުރިޗް، މޮސްކޯ، ބާލިން، ކޭޕް ޓައުން، އަލްމަޓީ، ޑުބާއި އަދި ރިޔާދެވެ.

ފްލައި ޑުބާއީގެ ދަތުރުތަކުގެ ލަސްވުމާއި ގުޅިގެން އިނާ މޯލްޑިވްސްގެ އެމްޑީ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މި ނިންމުމަކީ ފަތުރުވެރިކަމުގެ ބޮޑެތި މާކެޓްތަކުގައި ރާއްޖޭގެ ދެކުނު އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ފެބްރުއަރީގެ ދަތުރުތަކަށް މިހާރު ޓިކެޓު ނަގާފައިވާ މީހުން މި މުއްދަތުގައި ދަތުރުކުރަން ބޭނުންވާނަމަ ހިލޭ ޑޮމެސްޓިކް ޓިކެޓްގެ އިތުރުން ދުބާއީގައި ދެ ދުވަހު ހުރުމުގެ ހަރަދު ހިލޭ ހަމަޖައްސައިދޭނެ ކަމަށްވެސް ފިރާގު ވިދާޅުވި އެވެ.

އައްޑޫއަށް ބައިނަލްއަގްވާމީ ފްލައިޓްތަކުގެ ސީދާ ދަތުރުތައް މަދުވުމަކީ އައްޑޫ ސިޓީ ކައުންސިލާއި ރާއްޖޭގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި ކޮންމެހެންވެސް ބައިނަލްއަގްވާމީ ދަތުރުތައް އެ ސިޓީ އަށް އިތުރުކޮށް ޓޫރިސްޓް އެނދު އިތުރުކުރަންޖެހޭ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވެސް މީގެކުރިން ވިދާޅުވެފައިވެ އެވެ.