މޯލްޑިވްސް ޕޮލިސް ސާވިސް

އައްބާސްގެ ބަންދަށް އިތުރު ހަތް ދުވަސް

Jan 7, 2023

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ހައްޔަރުކުރި އައްބާސް އާދިލް ރިޒާގެ ބަންދަށް ތިންވަނަ ފަހަރަށް މުއްދަތު ޖަހައިފި އެވެ.

އައްބާސް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހައްޔަރު ކުރީ އޭނާގެ ގޮވާލުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.

އައްބާސްގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ފަސް ދުވަސް ދިނީ އޭނާ ހައްޔަރުކުރި ދުވަހު އެވެ. އައްބާސްގެ ބަންދުގެ މުއްދަތު ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދީފަ އެވެ.

އައްބާސްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފަ އެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައި ބޭފުޅެކެވެ.

އައްބާސްގެ ގޮވާލުން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީ އަކުން އަދި އެމްއެންޕީ އިން ވެސް ވަނީ ކުށްވެރިކޮށްފަ އެެވެ.