ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ (ގައްބަރޭ) މިނިވަންކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން ގައްބަރޭ ހޯދަން މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އިއުލާންކުރުމާ ގުޅިގެން މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.
ގައްބަރޭގެ ބަންދަށް މީގެކުރިން ދެ ފަހަރެއްގެ މަތިން ކޯޓުން މުއްދަތު ޖަހައިދީފައިވެ އެވެ. ނަމަވެސް މިއަދު އޭނާ މިނިވަންކުރަން އަމުރުކުރި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.
ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު އެވެ.
ގައްބަރޭ ހޯދަން ކުރި އިއުލާންގައި އޭނާ ހޯދަނީ ޒަރީރަށް ހަމަލާދީގެން ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ ވެބްސައިޓްގައި ގައްބަރޭގެ ފޮޓޯއާއި ވަނަވަރު ހާމަކޮށް ބުނެފައިވަނީ އޭނާ ހޯދަނީ ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.
ޒަރީރަށް ހަމަލާ ދިން މައްސަލައާއި ގުޅިގެން މީގެ ކުރިން ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވެ އެވެ. ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. މި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.