ސައިބަކްރައިމް ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
ބިލްގެ ބަހުސްގައި މެންބަރު އަބްދުއްސައްތާރު ވިދާޅުވީ ސައިބަސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށާއި އެފަދަ ކުށްތައް ކުރާ މީހުން އެ ކުށުގެ އަމަލުތައް ހިނގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާ ކަމަށެވެ.
މި ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސައިބަކްރައިމް އާއި އެނޫންވެސް ކޮމްޕިއުޓާ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
ބިލްގައިވާ ގޮތުން ރާއްޖޭގައި ހިންގާފައިވާ ޖިނާއީ ކުށެއްގެ ތަހުގީގަކަށް ލިބިފައިހުރި މައުލޫމާތަކީ ބޭރު ގައުމަކުން ނުވަތަ އޭޖެންސީއަކުން އެއްވެސް ކުށެއްގެ ތަހުގީގެއް ނުވަތަ ޝަރީއަތަކަށް އެހީވެދާނެ މައުލޫމާތު ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ފެނިއްޖެނަމަ އެއްވެސް ފަރާތަކުން އެކަމަށް އެދި ހުށަހެޅުމަކާ ނުލައި އެ މައުލޫމާތެއް ބޭރު ގައުމަކާއެކު ނުވަތަ ބޭރުގެ އޭޖެންސީއަކާ ހިއްސާކުރެވިދާނެ އެވެ.
މީގެ އިތުރުން ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައި ރާއްޖެއިން ބޭރުގައި ހުރި ކޮމްޕިއުޓާ ސިސްޓަމެއްގައި ހުރި ޑޭޓާއަށް އެކްސެސްވުމުގެ ބާރު ދޭން ބިލްގައި ހިމަނާފައިވެ އެވެ.
އެ ގޮތުން ރާއްޖޭގައި ހުރި ކޮމްޕިއުޓާ ސިސްޓަމެއް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ހުރި ކޮމްޕިއުޓާ ސިސްޓަމެއްގައި ހުރި ޑޭޓާއަށް އެކްސެސް ވެވިދާނެ ކަމަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގައިވެ އެވެ.
މިފަދަ ހާލަތެއްގައި އެފަދަ ޑޭޓާއަށް އެކްސެސް ވެވޭނީ އަމިއްލަ ފަރުދުންގެ ފުރާނައަށް ނުވަތަ ސަލާމަތަށް ގާތް މުސްތަގުބަލެއްގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ނަމަ އެވެ. އަދި ރާއްޖޭގައި ގެއްލުން ލިބުނު މީހުންގެ އަދަދަށް ބަލާއިރު ނުވަތަ ގެއްލުމުގެ މިންވަރަށް ބަލާއިރު އިގުތިސާދީ ގޮތުން ބޮޑު ގެއްލުމެއް މެދުވެރިވެއްޖެ ނަމަވެސް އެފަދަ ޑޭޓާއަށް އެކްސެސް ވެވޭނެ ކަމަށް ބިލްގައިވެ އެވެ.
ބިލްގައިވާ ގޮތުން މި އިހުތިޔާރު ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކުން ބޭނުންކުރަންވާނީ އެކަންކަން ކުރުމަށްޓަކައި މި ގާނޫނުގައި ކަނޑައަޅާފައިވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އާންމު އިޖުރާއަތުތައް ބޭނުންކޮށްފިނަމަ ރާއްޖޭގައި ކުށެއްގެ ތަހުގީގު ހިންގުމަށް ނުވަތަ ދައުވާ އުފުލުމަށް ހުރަސް އެޅިގެންދާ ހާލަތެއްގައި އެކަންޏެވެ.
މީގެ އިތުރުން ކޮމްޕިއުޓާ ޑޭޓާއަށް އެކްސެސްވުމަށްފަހު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަން ކަމާގުޅޭ ބޭރު ގައުމަކަށް އެ ޑޭޓާ ލިބިގަތް އިދާރާއަކުން އަންގަންވާނެ ކަމަށް ބިލްގައި ބުނެފައިވެ އެވެ.