ކްރިމިނަލް ކޯޓް

އައްބާސްގެ ޝަރީއަތް ހުއްޓިފައި، ކޯޓުން ބުނަނީ ހާޒިރު ނުވަނީ ކަމަށް

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ އައްބާސް އާދިލް ރިޒާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކުރުމަށްފަހު މިއަދުވެސް ޝަރީއަތް ކެންސަލްކޮށްފި އެވެ.

އައްބާސްއަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް މިދިޔަ މާޗް މަހުގެ ފަސްވަނަ ދުވަހުވެސް އަދި މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުވެސް އަޑުއެހުމެއް ތާވަލްކުރި އެވެ. ކުރީގެ ދެ އަޑުއެހުމާއި މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ އައްބާސް ކޯޓަށް ހާޒިރު ނުވެގެންނެވެ.

އައްބާސްއަށް ޗިޓް ރައްދު ކުރެވިފައިވޭތޯއާއި ނުވަތަ ޗިޓާ ހަވާލުވެފައި ކޯޓަށް ހާޒިރު ނުވަތީތޯ އަވަސް އިން އެހުމުން ކްރިމިނަލް ކޯޓުން އެ މައުލުމާތެއް ނުދިނެވެ.

އައްބާސް ދިރިއުޅޭ ވަކި ތަނެއް ނޭނގޭތީ އޭނާއާ ޗިޓް ހަވާލުކުރެވިފައި ނުވާ ކަމަށް ކޯޓުން ކުރިން ބުނެފައިވެ އެވެ.

އައްބާސްގެ ޝަރީއަތް މިއަދު ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 10:00 ހާއިރު އެވެ.

އައްބާސްގެ މައްޗަށް ދައުލަތުން ކުރަނީ "ފަނާކޮށްފާނެކަމުގެ ބިރުދެއްކުން ދައުވާ" އެވެ.

އައްބާސްގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީ އެވެ.

މީގެއިތުރުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު އައްބާސް ބޭނުންކުރައްވާ ޓްވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކުރުމަކީވެސް އައްބާސްގެ މައްޗަށް މިދައުވާ އުފުލި ސަބަބެކެވެ.

އައްބާސްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުޖެހުމަށް ގޮވާލުމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު އައްބާސް ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އޭނާގެ މައްސަލަ ތަހުގީގުކޮށް ނިމުމާ އެކު ފުލުހުން ވަނީ މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު ދޫކޮށްލާފަ އެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް ވަހީދުގެ ސަރުކާރުގައި ތަރުޖަމާނުގެ ކަމުގެ މަގާމާއި ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ކަސްޓަމްސްގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައި ބޭފުޅެކެވެ.