ޕީޕީއެމް

އިދިކޮޅުގެ ބޮޑު ކޮންފަރެންސެއް އާޓިފިޝަލް ބީޗުގައި ބާއްވަނީ

އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށުމުގެ ގޮތުން "އުންމީދާއެކު" ނަމުގައި ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕޭން ފެށުމުގެ ގޮތުން ބާއްވާ ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ރަށަކުން ބައިވެރިވާނެ ކަމަށެވެ.

"މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނީ އަޅުގަނޑުމެންގެ ޕާޓީގެ އިންތިހާބީ ހުރިހާ ރަސްމީ ރަސްމީ ގުނަވަންތަކެއްގެ ހުރިހާ މެންބަރުން ހުރިހާ ރަށަކުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެ،" ޝުޖާއު ވިދާޅުވި އެވެ.

ޕީޕީއެމުން ބުނީ މި ކޮންފަރެންސްގެ އެންމެ ބޮޑު މަގުސަދަކީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް އިތުރަށް ދިރާސާކުރުން ކަމަށެވެ. އަދި މީގެ އިތުރުން ޕާޓީގެ ދާއިރާތަކުގެ އިންތިހާބުން މަގާމަށް ހޮވުނު ފަރާތްތައް މަގާމުތަކާ ރަސްމީކޮށް ހަވާލުކުރާނެ ކަމަށާއި ރިޔާސީ ކެމްޕޭން ކުރުމުގެ ޕްލޭނާއި ޓީމުތައް ރުކުރުވާލުން ހިމެނޭ ކަމަށްވެސް ޕީޕީއެމް އިން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ކެމްޕޭން ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ހެންވޭރުގައި ހުންނަ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ.

ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް ފެއްޓުމަށް އިދިކޮޅުން ތައްޔާރުވަމުންދާއިރު ރައީސް ޔާމީން ހުންނެވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރަށް ޖަލަށް ލާފަ އެވެ. މި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރަނީސް އެމަނިކުފާނަށް ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ކުރިމަތި ލެވޭކަށް ނެތެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް އިދިކޮޅުން އަންނަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އިތުރު ބޭފުޅަކަށް ނުލިބޭނެ ކަމަށާއި އިންތިހާބަށް ކުރިމަތިލައްވާނީ އެމަނިކުފާނުކަމަށް ބުނަމުންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ވަރަށް ގިނަ ހަރަކާތްތަކެއްވެސް ކޮންމެ ދުވަހަކު ކުރިއަށް ގެންދެ އެވެ.