ކާމިޔާބު ކެރިއަރަކަށް ފަހު ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް ފުޓްބޯޅަ އިން ރިޓަޔާ ކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ބޭލް އަކީ ވޭލްސްގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އެގައުމަށް 111 މެޗު ކުޅެ 41 ލަނޑު ޖެހި ބޭލް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރީ މިއަދު ސޯޝަލް މީޑިއާ އަށް ދޫކޮށްލި މެސެޖެއްގަ އެވެ.
"ވަރަށް ވިސްނާފަ ކްލަބް ފުޓްބޯޅަ އާއި ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާންކުރަން" އެމެރިކާގެ ލޮސް އެންޖެލެސް ފުޓްބޯޅަ ކްލަބުގެ ފޯވާޑުގެ މެސެޖުގައި ބުނެފައިވެ އެވެ.
ބޭލް ބުނީ އެންމެ ބޭނުންވި ކުޅިވަރުގައި ހޭދަކުރެވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.
ވޭލްސްގެ ކާޑިފް އަށް އުފަން ބޭލް އަކީ ކްލަބް ލެވެލް އާއި ގައުމީ ޓީމުގައި ކާމިޔާބު ކުޅުންތެރިއެކެވެ. ވޭލްސްއާ އެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް އެގައުމު ސެމީ ފައިނަލަށް ގެންދިއުމުގައި ބޭލް މުހިއްމު ދައުރެއް އަދާކުރި އެވެ. އަދި 64 އަހަރަށް ފަހު މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕަށް ވޭލްސް ކޮލިފައިކޮށްދިން މޭސްތިރިއަކީ ވެސް ބޭލް އެވެ.
"ހަޔާތުގެ އެންމެ އުފާވެރި ބައެއް ވަގުތުތައް އަހަރެންނަށް ލިބުނީ ފުޓްބޯޅައިން" ބޭލް ބުންޏެވެ.
2006 ވަނަ އަހަރު ސައުތެމްޓަން އިން ފުޓްބޯޅަ ކެރިއަރު ފަށައި ބޭލް ވަނީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި 17 އަހަރު ކުޅެފަ އެވެ. ބޭލްގެ ކުޅުމަށް ދުނިޔޭގެ ސަމާލުކަން ލިބުނީ 2007 އިން 2013 އަށް ޓޮޓެންހަމް ހޮޓްސްޕާގައި ހޭދަކުރި ދުވަސްވަރު އެވެ.
ޓޮޓެންހަމްގެ ޖާޒީގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން ކޮޅަށް ހެދި މޮޅު ހެޓްރިކާ އެކު ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީތަކަށް ބޭލްގެ ނަން އެރި އެވެ. އޭގެފަހުން ރެއާލް މެޑްރިޑްގެ ސަމާލުކަން ލިބި 2013 ވަނަ އަހަރު ރެކޯޑް އަގަކަށް އެ ކްލަބަށް ބަދަލުވި އެވެ.
ރެއާލްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު 21-2020 ވަނަ ސީޒަނުގައި ލޯނު އުސޫލުން ބޭލް ވަނީ ކުރީގެ ކްލަބް ޓޮޓެންހަމް އަށް ކުޅެފަ އެވެ. ރެއާލް 2022 ވަނަ އަހަރު ދޫކޮށްލުމަށް ފަހު ބޭލް ދެން ފެނުނީ އެމެރިކާގެ ފުޓްބޯޅައިންނެވެ.
ބޭލްގެ ކާމިޔާބީ އަށް ބަލާއިރު އެންމެ ފާހަގަކުރެވެނީ ރެއާލް މެޑްރިޑާ އެކު ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. އޭގެތެރެއިން ދެ ފައިނަލުގައި ބޭލް ލަނޑު ޖެހި އެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ރެއާލްއާ އެކު ފީފާ ކްލަބް ވޯލްޑް ކަޕާއި ސްޕެނިޝް ލީގާއި ޔޫއެފާ ސުޕަ ކަޕްގެ އިތުރުން ސްޕެނިޝް ކަޕް ކާމިޔާބު ކުރި އެވެ.