ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދި އަރަބިއްޔާ އިން ދޭ ކޯޓާ ކޮވިޑްގެ ކުރިން ގައުމުތަކަށް ދިން ކޯޓާއާއި އެއްވަރު ވާނެ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފި އެވެ.
ހައްޖުގެ ކުރިން ވާން ޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ "ހައްޖު އެކްސްޕޯ 2023" ގައި ވާހަކަފުޅު ދައްކަވަމުން ހައްޖާއި އުމުރާއާ ބެހޭ މިނިސްޓަރު ތައިފީގް އަލް ރަބީއާ ވިދާޅުވީ މިއަހަރު ހައްޖުގެ ކޯޓާ ދޭއިރު ކޮވިޑުގެ ކުރިން ދިން އަދަދާއި އެއްވަރު ވާނެ ކަމަށާއި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ހައްޖުގައި ބައިވެރިވެވޭނެ ކަމަށެވެ.
ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު ސައުދީ އިން ގައުމުތަކަށް ދިން ޖުމްލަ ކޯޓާގެ އަދަދު 2.5 މިލިއަނަށް އަރަ އެވެ. ނަމަވެސް ކޮވިޑަށްފަހު މި އަދަދު ވަރަށް ބޮޑުތަނުން ކުޑަކުރި އެވެ. އެގޮތުން 2020 ވަނަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވަނީ އެއްލައްކަ ސައުދީ ރައްޔިތުންނެވެ. އަދި 2021 ވަނަ އަހަރު ބައިވެރިވެފައި ވަނީ ހަލައްކަ ސައުދީ ރައްޔިތުންނެވެ.
ކޮވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށްފަހު މިދިޔަ އަހަރު އެހެން ގައުމުތަކަށް ހުޅުވާލައިގެން ސައުދީން ވަނީ ހައްޖުގެ އަޅުކަމުގައި އެއް މިލިއަން މީހުން ބައިވެރިކޮށްފަ އެވެ.
މިއަހަރު އެންމެ ގިނަ އަދަދެއްގެ މީހުން ހައްޖަށް ދާނީ އިންޑިއާ އިން ކަމަށް ބެލެވެ އެވެ. ސައުދީގައި ހުންނަ އިންޑިއާ އެމްބަސީއިން ހާމަ ކުރި ގޮތުގައި މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އިންޑިއާ އަށް ވަނީ 175،025 ޖާގަ ލިބިފަ އެވެ. މިއީ އަދި މިހާތަނަށް އެންމެ ގިނަ ޖާގަ ލިބުނު ގައުމެވެ.
މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ 453 މީހުންގެ ޖާގަ އެވެ. 2019 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވަނީ 550 މީހުންގެ ޖާގަ އެވެ. އޭގެ ކުރިން 2018 ވަނަ އަހަރު ރާއްޖެއަށް ލިބުނު ކޯޓާގެ އިތުރުން ސައުދީން ވަނީ 1،000 ޖާގަ އިތުރުކޮށްދީފަ އެވެ. މީގެ ކުރިންވެސް ސައުދީން ވަނީ ޖާގަ އޮތް މިންވަރަކުން ހައްޖު ކޯޓާ އިތުރުކޮށްދީފައިވެ އެވެ.