ރައީސް މުހައްމަދު ނަޝީދު

ތަރައްގީ ލިބެންވާނީ ވަކި މީހަކަށް ނޯކިރީކޮށްދީގެނެއް ނޫން: ނަޝީދު

ރައްތަކަށް ތަރައްގީ ލިބެންވާނީ، ވެރިންނަށް ނޯކިރީ ކޮށްދީގެން، ރުއްސައިގެން ނޫން ކަމަށާ އެއީ ޑިމޮކްރަސީއާ ދުރުކަމެއް ކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަރަށް ގިނަ މީހުނަށް ހީވެފައި އޮންނަނީ ތަރައްގީ ގެނެވޭނީ، ވެރިންގެ ދަށުވެ، ވަޒީރުންނަށް ނޯކިރީކޮށްދީގެން ކަމުގަ އެވެ.

"ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ، ރަށު ތަރައްގީ ގުޅިފައި އޮންނަނީ، ވަޒީރު ބޭފުޅެއްގެ ގޭދޮށުގައި މުގޯލި އެޅުމާ، އެގޭ ވަޅުދިޔަ ހިއްކާދިނުމާ، އޭނާގެ ދަރިން މަދަރުސާއަށް ގެންދިއުމާ، އެގެއަށް ބާޒާރުކުރުމާ، އޭނާއަށް ނޯކިރީ ކުރުމަށް ކަަމަށް، ނޫން..." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމކަނިކުފާނު ވިދާޅުވީ ރައްޔިތުން ކާމިޔާބު ހޯދާފައި ތިބީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ހޯދައިގެން އަމިއްލަ މަސައްކަތުން ކަމުގައެވެ. ތަރައްގީ ގެނައީ ބިރުފަހަނައަޅާ ގޮސް، ޕާޓީ ސިސްޓަމެއް ރާއްޖެއަށް ގެނެސް، ރައްޔިތުން ހޮވި ސަރުކާރެއް ގެނެސްގެން ކަމުގަ އެވެ.

"އެއީ ވެރިން ކުރާކަމެއްނޫން. ވެރިންގެ ތައްޕާހުން ލިބޭނީ އެންމެ ކަމެއް. އެއީ އަޅުވެތިކަން،" ނަޝީދު ވިދާޅުވި އެވެ.

ތަނަކަށް ކަރަންޓް ދިނުމަށްޓަކައި ނުވަތަ ފެން ދިނުމަށްޓަކައި އަޅާ ވަޔަރިންއާ ޑިމޮކްރަސީއާ ގުޅުވައިގެން ނަޝީދުގެ ވާހަކަފުޅުގައި ވަނީ މިސާލެއް ވެސް ގެންނަވާފަ އެވެ.

"ސްވިޗް ޖައްސާލީމާ ކަރަންޓު ދިިއްލޭ، އިސްކުރު ދޫކޮށްލީމާ ފެން އެބައާދޭ، އެއީ ފެން އަދި ކަރަންޓު ވައިރުކޮށްފައި ހުންނާތީ. ތަރައްޤީގެ ވައިރިން އަކީ ޑިމޮކްރަސީ. އެޝޯޓް ސާކެޓްވާގޮތެއް ހަދައިފިނަމަ އޭރުން ކަރަންޓު ގެއްލޭނެ. އެ ވަޔަރިންއާ ދުރަށް ކަންތައް ކޮށްފިނަމަ ތަރައްގީއެއް ނުލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

ދުވާފަރު ރައްޔިތުންނަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވަނީ ދުވާފަރު ރައްޔިތުންނަކީ ކަންހިނގާ ގޮތް އެނގޭ ވިސްނުންތެރި ބަޔަކަށްވާތީ އެމަނިކުފާނާ އެކު ތިއްބެވުމަށް އެދިވަޑައިގެންފަ އެވެ. އަދި ދުވާފަރުގެ ގިނަ ބަޔަކު އެމަނިކުފާނަށް ތާއީދުކުރާ ކަން ޔަގީންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް އިބްރާހީމް ސޯލިހަށްވުރެ މިރާއްޖޭގައި އެމަނިކުފާނަށް ތާއިދުކުރާ މީހުން ގިނަވާނެ ކަމަށެވެ.

"މީހުން އެބަބުނޭ، އަންނި ބުންޏަސް އިބޫއަށް ދެން ވޯޓެއް ނުދޭނަމޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.