ނީލަން ފިހާރަ ސަރަހައްދުގައި ރޯވުން

ނީލަން ފިހާރަ ދެން ހިންގާނީ އެހެން ތަނެއްގައި: މުއިއްޒު

މާލޭގައި މިދިޔަ ހޯމަ ދުވަހު އަނދާހުލިވި ނީލަން ފިހާރަ ދެން އެ ބިމުގައި ނުހިންގޭނެ ކަމަށް މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ އެއީ ރައްކާތެރި ތަނަކަށްނުވާތީ ނީލަން ފިހާރަ އެ ތަނުން ބަދަލު ކުރުމަކީ އަބަދުވެސް މާލެ ސިޓީ ކައުންސިލްގެ ވިސްނުމެއް ކަމަށެވެ.

"އެހެން ނަމަވެސް އަދި އެތަން ހިންގާނެ ތަނެއް މުޅިން ހަމަޖެހިފައެއް ނުވޭ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނީލަން ފިހާރައިގައި ހޯމަ ދުވަހު ހިނގި އަލިފާނުގެ ހަދިސާ އަކީ އެތަނުގައި ހިނގި މިފަދަ 10 ވަަނަ ހާދިސާ އެވެ.

މޭޔަރު ވިދާޅުވީ ބޭނުންކޮށްފައި ހުންނަ ތަކެތި ވިއްކާ ނީލަން ފިހާރައިން ލިބޭ އާމްދަނީގެ މައްޗައް ބަރޯސާވެގެން އުޅޭ އާއިލާތައްވެސް ދިރިއުޅޭ ކަމަށެވެ. އެހެންކަމުން އެފަދަ ތަނެއް ހުރުމަކީ މުހިންމު ކަމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

ނީލަން ފިހާރަ ހިންގަން މާލެ ނުވަތަ ހުޅުމާލޭގެ ސިނާއީ ސަރަހައްދުން ބިމެއް ހަމަޖައްސައިދިނުމަށް ކަމާ ގުޅޭ އިދާރާތަކުގައި އެދިފައިވާނެ ކަމުގައިވެސް މޭޔަރު ވިދާޅުވި އެވެ.

ނީލަން ފިހާރަ މިހާރު ހުރި ތަނުގައި ތަކުރާރުކޮށް އެތައްފަހަރަކު އަލިފާނުގެ ހަދިސާތައް ހިނގާފައިވީ ނަމަވެސް އެތަން އެކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެ އެވެ. އަލިފާނުގެ މިހާދިސާގައި ނީލަން ފިހާރައާ ޖެހިގެން ހަދާފައިވާ މާލެ ސިޓީ ކައުންސިލްގެ ލޭބަ ކުއާޓަރު ވެސް އަނދައި ހުލިވި އެެވެ.