ނީލަން ފިހާރައާއި އެތަނާ ޖެހިގެން ހުރި މާލެ ސިޓީ ކައުންސިލުގެ އެކޮމަޑޭޝަން ބްލޮކުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ހުޅުމާލޭގައި ކޮވިޑް ފެސިލިޓީގެ ގޮތުގައި ކުރިން ބޭނުންކުރި ފެސިލިޓީ ހަމަޖައްސައިފި އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް ވަގުތީ ހިޔަލެއް ހަމަޖައްސަން ސިޓީ ކައުންސިލަށް ދަތިތަކެއް ހުރުމާ ގުޅިގެން ސަރުކާރާ އެޗްޑީސީ ގުޅިގެން ވަނީ އެމީހުންގެ ވަގުތީ ހިޔަލަކަށް ކޮވިޑް ފެސިލިޓީ ހަމަޖައްސާފަ އެވެ.
ނީލަން ފިހާރައާއި އެކޮމަޑޭޝަން ބްލޮކުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 200 އެއްހާ ބިދޭސީން ވަނީ ހާލުގައި ޖެހި ވަންނާނެ ތަނެއް ނެތިފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގުމުން އެކޮމަޑޭޝަން ބްލޮކުން ނިކުތް އެންމެން ފުރަތަމަ ބޭތިއްބީ އިމާދުއްދީން ސްކޫލުގަ އެވެ.
ހާލުގައި ޖެހިގެން އިމާދުއްދީން ސްކޫލުގައި މިއަދު ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ބޮޑުތަކުރުފާނު މަގާއި އެ ސަރަހައްދުގެ ބައެއް މަގުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އަދި އިމާދުއްދީން ސުކޫލް އާއި އިއްޒުއްދީން ސުކޫލްގެ އިތުރުން ވިލާ އިންޓާނޭޝަނަލް ހައި ސްކޫލާއި ބިލަބޮންގްގެ ކިޔެވުން ވެސް ވަނީ ފަސްކޮށްފަ އެވެ.
ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު އެވެ. އަލިފާން ކޮންޓްރޯލް ކުރެވުނީ މަސައްކަތް ފެށިތާ ތިންގަޑިއިރު ފަހުންނެވެ. އެ ސަރަހައްދުގައި މިވަގުތު ވެސް ބޯދުން އެބަހުއްޓެވެ.