މާލޭ ނީލަން ފިހާރަ ސަރަހައްދުގައި ރޯވި އަލިފާނުގެ ސަބަބުން އެމްޓީސީސީގެ ބަސް ދަތުރުތަކަށް ބުރޫ އަރައިފި އެވެ.
ބަސް ދަތުރުތަކަށް ބުރޫ އެރީ އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއް ބަންދު ކުރުމުންނެވެ.
އެމްޓީސީސީ އިން ބުނީ ވެސްޓް ޕާކުން ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދެއަކަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީ ގޮތުން ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން އަމީނީ ރޫޓްގެ މިނީ ބަސް ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. އަމީނީ ރޫޓްގެ މިނީ ބަހުގެ ދަތުރުތައް މެދުކަނޑައިލުމާ ގުޅިގެން އޯކިޑް ރޫޓްގެ ބަސް ބޭނުންކުރާ ކަސްޓަމަރުން އިތުރުވެދާނެ ކަމަށް ބަލައި އެ ރޫޓަށް ބަސް ވަނީ އިތުރުކޮށްފަ އެވެ.
އެމްޓީސީސީ އިން ބުނީ ބޮޑުތަކުރުފާނު މަގު ހުޅުވާލުމާއިއެކު އާރްޓީއެލް ބަހުގެ ރޫޓްތައް އާންމު ހާލަތަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ. އަދި ދަތުރުތަކުގެ މައުލޫމާތު އެމްޓީސީސީ ހޮޓްލައިން 1650 އިން ލިބޭނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު އެވެ.
މި ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގައި ހުރި ހަތަރު ސުކޫލެއް ވެސް ވަނީ މިއަދަށް ބަންދުކޮށްފަ އެވެ.
އަލިފާން ފެތުރި އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއް ވަނީ އަނދާފަ އެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.