އަލްހާން ފަހުމީ

އެމްޑީޕީގެ ނައިބު ރައީސް ހޮވި އިންތިހާބު ބާތިލް ކުރަން އަލްހާން ކޯޓަށް

  • އަލްހާން ވިދާޅުވަނީ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް
  • ސުލޫކީ ކޮމިޓީ އިން އޭނާގެ މައްސަލަ ނިންމީ މިއަދު
  • އެމްޑީޕީގެ އިންތިހާބުތަކުން އަލްހާނަށް ފުރުސަތު ވަނީ ގެއްލިފައި

މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓް ނުލިބުމުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރުމުން، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އެ މައްސަލައިގައި ޕާޓީގެ ސްލޫކީ ކޮމިޓީ އިން ފިޔަވަޅު އެޅި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި އެމްޑީޕީ ސްލޫކީ ކޮމިޓީ އަށް މިއަދު އަލްހާން ހާޒިރުކޮށް، ޕާޓީ އިން އަޅަން ނިންމި ފިޔަވަޅު އަލްހާން އަށް ވަނީ އަންގައިފަ އެވެ. އެމްޑީޕީ އިން ނިންމާފައި ވަނީ އަލްހާން އަސާސީ ގަވާއިދާ ހިލާފުވެފައިވާތީ 2014 ވަނަ އަހަރުގެ މާޗް 22 ވަނަ ދުވަހުން ފެށިގެން އެއް އަހަރާ ހަ މަސް ދުވަހުގެ މުއްދަތަކަށް އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ބައިވެރިނުކުރުމަށެވެ.

އަލްހާންގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްގައި އޭނާ ވިދާޅުވީ، އެންމެ ފަހުން ބޭއްވި ޕާޓީގެ އެތެރޭގެ އިންތިހާބުގައި ނައިބު ރައީސް ކަމަށް ވާދަ ކުރަން އުޅުމުން ފިޔަވަޅު އަޅާފައި ހުރި ކަމަށް ބުނެ އެ އިންތިހާބުގައި ވާދަ ކުރުމަށް ފުރުސަތު ނުދިން ކަމަށެވެ. އެހެން ނަމަވެސް ފިޔަވަޅު އަޅަން ނިންމީ މިއަދު ކަމަށް ސްލޫކީ ކޮމިޓީ އިން އޭނާއަށް އެންގި ކަމަށް އަލްހާން ވިދާޅުވި އެވެ.

2014 ވަނަ އަހަރު ޕާޓީގެ އަސާސީ ގަވައިދާއި އިންތިހާބާއި ބެހޭ ގަވާއިދާ ހިލާފުވި މައްސަލާގައި ހާޒިރުކޮށް މިއަދު ގޮތެއް ނިންމާފައިވާ ކަމަށާއި ނަމަވެސް މީގެ ކުރިން ވެސް ފިޔަވަޅު އަޅައިފައި ހުރި ކަމަށް ބުނެ ހަމަ އެއަހަރު ޕާޓީގެ ލީޑާޝިޕް އިންތިހާބެއްގައި އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމަށް ވާދަ ކުރުމުން ޑިސްކޮލިފައި ކުރި ކަމަށެވެ. އެހެން ނަމަވެސް، ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ ފިޔަވަޅު އެޅީ މިއަދު ކަމަށް އަލްހާން ވިދާޅުވި އެވެ. އެހެން ކަމުން ފިޔަވަޅު ނާޅައި ވަނިކޮށް އިންތިހާބީ ހައްގަކުން އޭނާ މަހުރޫމް ކުރި މައްސަލަ ކޯޓަށް ވައްދާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

"މިމައްސަލަ އަށް ފިޔަވަޅު އެޅުން އަޅުގަނޑަށް ވެގެން ދިޔައީ ބޮޑު ހައިރާން ކަމަށް. އައީ އޭރުވެސް ފިޔަވަޅު އަޅައިފަ ކަމަށް ބުނެ އަޅުގަނޑު އިންތިހާބު ވުމަށް ހުރަސް އެޅީ. އަޅުގަނޑު އޭރުވެސް ބުނިން އެމައްސަލާގައި އަޅުގަނޑަށް ފިޔަވަޅު އަޅައިފައެއް ނުވެޔޭ. ނަމަވެސް އެމްޑީޕީ އިން ނިންމީ އެގޮތަށް. މިއަދު މި ނިންމުން ނިންމާފަ އޮތް ކަމަށް ބިނާކޮށް 2014 ވަނަ އަހަރު އަޅުގަނޑަށް ލިބިގެންވާ ވަރަށް ބޮޑު އިންތިހާބީ ހައްގެއް އަޅުގަނޑު އަތުން ވަނީ ނިގުޅައިގަނެފަ،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ޕާޓީގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބަކީ ބާތިލް އިންހާބެއް ކަމަށެވެ. އެމްޑީޕީ އިން ވަނީ އިންތިހާބީ ހައްގުތައް އޭނާގެ ކިބައިން ނިގުޅައިގެންފައި ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

"އެންމެ ކެނޑިޓޭކު ބައިވެރިކޮށްގެން އިންތިހާބެއް މިވަނީ އޭރު ބާއްވައިފަ. މިއީ ޕާޓީގެ އަސާސީ ގަވާއިދާއި ޑިމޮކްރަސީގެ ހަމަތައް އަދި ޝަރުއީ މިންގަނޑަކުން ވިސްނައި އިރުވެސް ހިލާފަށް. އެހެންވީމަ އަޅުގަނޑު ގަސްތު ކުރަނީ މިމައްސަލާއި ގައި ކޯޓުގައި ދައުވާ އުފުލަން. އަޅުގަނޑު ދެކޭ ގޮތުގައި އެއިންތިހާބު ބާތިލް ވާންޖެހޭނެ،" އަލްހާން ވިދާޅުވި އެވެ.