ހަބަރު

މާދަމާ ވެސް އިމްރާންގެ ޝަރީއަތުގެ އަޑުއެހުމެއް

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ. މިއަދު ވެސް އިމްރާންގެ މައްސަލާގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ.

މާދަމާ އިމްރާންގެ ޝަރީއަތް ތާވަލްކޮށްފައިވަނީ، މެންދުރުފަހު އެކެއް ޖަހާއިރަށެވެ. މި އަޑުއެހުމަކީ އިމްރާންގެ މައްސަލަ ބައްލަވަމުން ގެންދެވި ބެންޗް އުވާލައި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް އެ މައްސަލަ ބައްލަން ފެއްޓެވި ފަހުން ބާއްވާ ހަތަރުވަނަ އަޑުއެހުމެވެ. އިމްރާންގެ ޝަރީއަތް މިހާރު ބާރު ސްޕީޑްގައި ކުރިއަށް ގެންދާއިރު މީގެކުރިން އިމްރާންގެ ޝަރީއަތް ނުބާއްވާ ވަރަށް ގިނަ ދުވަސްތަކެއް ކޮށްފައިވެ އެވެ.

އިމްރާންގެ މައްސަލަ ބައްލަވާ ގާޒީ ބާރީ އަކީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ. އިމްރާން ވަނީ ގާޒީ ބާރީއާމެދު ހިންހަމަ ނުޖެހޭ ކަމަށް ވިދާޅުވެ، ސްޕްރީމް ކޯޓަށް މައްސަލައެއް ވައްދާފަ އެވެ. މައްސަލާގައި ބުނެފައިވަނީ އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދިނުމަށް އެދޭ ކަމަށެވެ. ގާޒީ ބާރީ އިންސާފަށް ޝަރީއަތް ކުރިއަށް ގެންދަވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ސްޕްރީމް ކޯޓަށް އިމްރާން ވެއްދި މައްސަލާ ބުނެފައިވެ އެވެ.

އިމްރާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވަނީ، ދައުލަތުން ހުށަހަޅާފައިވާ އިމްރާން ސިއްރުން ސޮބާހު ރަޝީދު ކައިރީ ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯ އިތުރަށް އެނަލައިޒްކުރުމަށް އަންގާފަ އެވެ. ގާޒީ ވިދާޅުވީ، އެއީ ސީދާ އިމްރާންގެ އަޑުކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

އިމްރާންގެ މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ވީޑިއޯތަކަކީ މޭޑޭގައި ނެގި ވީޑިއޯތަކެއްކަން ސާބިތުކޮށްދިނުމަށް ވެސް އަންގާފައިވެ އެވެ. އެއީ ޕޮލިހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއަކާއި ޕިކަޕެއް ފުލުހުންގެ ސަފުތައް ފަޅާލާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. ދައުލަތުގެ ވަކީލާ މިއަދު ވިދާޅުވެފައިވަނީ، އެކަން ސާބިތުކޮށްދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ބާރީ ވިދާޅުވީ މައްސަލައާ ގުޅިގެން ޝަރީއަތުގެ ބޭނުމަށް ދެން އޮންނަ ޝަރީއަތެއްގައި މީހަކު ހާޒިރު ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ގާޒީ ބާރީ ވިދާޅެއް ނުވެ އެވެ. ގާޒީ ވިދާޅުވީ ޝަރީއަތުގެ ފަރާތުން ހާޒިރުކުރާ މީހާއާ ސުވާލު ކުރުމުގެ ފުރުސަތު ދައުލަތަށާއި އިމްރާންގެ ވަކީލުންނަށް ލިބޭނެ ކަމަށެވެ.

އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ގާނޫނު ނަންބަރު 10/90 ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ.