ހަބަރު

ފުރިހަމަ ސިއްހަތެއްގައި ވަރަށް އަވަހަށް ރާއްޖެއަށް ދާނަން: ނިހާން

ފުރިހަމަ ސިއްހަތެއްގައި ލަސްތަކެއް ނުވެ އެނބުރި ގައުމަށް އާދެވޭނެ ކަމަށް ކުއްލި ގޮތަކަށް ހާލު ބޮޑުވެގެން އެޑްމިޓްކޮށް ފަރުވާދޭން ފެށި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިއަދު، ފޭސްބުކްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ކުއްލި ގޮތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށި ޚަބަރު އާންމުވުމުން، ޚަބަރު ލިބުނު ގިނަ ބަޔަކު އަވަސް ޝިފާއަކަށް އެދި ހެޔޮ މެސެޖްތަށް ފޮނުވާފައިވާ ކަމަށެވެ. ނިހާން ވިދާޅުވިގޮތުގައި ހޮސްޕިޓަލުން ފަރުވާ ހޯދަވަން ޖެހުނީ މެޔަށް ތަދެއް އެރުމުގެ ސަބަބުންނެވެ.

"އަޅުގަނޑު ބަލިވި ވަގުތު އަޅުގަނޑު އާއިލާ އާއި، ޕީޕީއެމްގެ އިސްވެރިން، ވިލިމާލެ ދާއިރާގެ ގިނަ ރައްޔިތުންގެ އިތުރުން ޕީޕީއެމްގެ އާންމު މެންބަރުންނާއި ޕީޕީއެމްގެ ޕީޖީ ބެރުންނާއި އެހެނިހެން މެންބަރުން، ޕާޓީތަކުގެ ލީޑަރުންނާއި ޕީޕީއެމް ކައުންސިލް މެންބަރުންގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ ރައްޓެހިން އަޅުގަނޑުގެ ހާލު އަހުވާލު ބެއްލެވި،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ހާއްސަކޮށް ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އާއިލާ އަދި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ހާލު ގާތުން ބެއްލެވި ކަމަށެވެ. ނިހާން ވަނީ ކެބިނެޓްގެ ވަޒީރުންނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.

"ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު އާއިއެކު ޕީޖީގެ މެންމެހާ މެންބަރުން ކޮށްދެއްވި މަސައްކަތް ހަނދުމަކޮށް ޝުކުރު ދަންނަވަން އަދި ވަކިން ހާއްސަކޮށް އަޅުގަނޑުގެ ބަލި ޚަބަރު ކިޔުންތެރިންނާ ހަމައަށް ގެނެސްދެއްވި އެކިއެކި ނޫސްތަކާއި ނޫސްވެރިންނަށް ޝުކުރު ދަންނަވަމެވެ." ނިހާން ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ތިޔަ ހުރިހާ ފަރާތްތަކުގެ ހެޔޮ ދުއާ އާއެކު ފުރިހަމަ ސިއްހަތެއްގައި ލަސްތަކެއް ނުވެ އަޅުގަނޑު މުޅިން ރަނގަޅުވެ އެނބުރި ގައުމަށް އާދެވޭނެ،"

އިތުރަށް ފަރުވާ ހޯއްދެއްވުމަށް ނިހާން މިހާރު ހުންނެވީ އިންޑިއާގެ ޗެންނާއީގަ އެވެ. ޗެންނާއީއަށް ނިހާން ގެންދެވުނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.