ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސް، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވާ އާދީއްތަ ދުވަހު ހުޅުވާލާ ގޮތަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ހަމަޖައްސައިފި އެވެ.
ގައުމީ އިނާމު ދިނުމުގެ އުސޫލަށް ގެންނަ މައިގަނޑު އެއް ބަދަލަކީ ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، 60 އަހަރުވި ކަމުގައިވިޔަސް ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުކުރުމެވެ.
އަނެއް ބަދަލަކީ މިހާރު އުސޫލު އޮންނަ ގޮތުން ކުންފުނި، ޖަމިއްޔާ، ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ، ކުންފުނި، ޖަމިއްޔާ، ޖަމާއަތްތަކަށްވެސް ހިދުމަތުގައި 35 އަހަރުވުމުން ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ގެނައި ބަދަލެވެ.
މީގެއިތުރުން މިހާރު އިނާމު ދެމުންދާ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއް މި އަހަރު އިތުރުކުރަންވެސް ވަނީ ނިންމަވާފަ އެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގެ ދާއިރާ އެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާއަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރު ވެފައިވުމާއި، ހިދުމަތްކުރި މުއްދަތުގެ ޖުމްލަ 35 އަހަރު ވެފައިވުމުންނެވެ. އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވުމުގައި، އެ ފަރާތަކުން ނުވަތަ ޖަމިއްޔާ ޖަމާއަތަކުން ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާ ހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ގައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ހިދުމަތްތަކަށާއި، އަދި ހޯދާފައިވާ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަށް ކޮމިޓީ އިން ބަލާގޮތަށް ވަނީ ނިންމާފަ އެވެ. ހިތްވަރު ދިނުމުގެ އިނާމު ދޭނީ އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ހިދުމަތް ކުރުމުންނެވެ. އަދި ކުންފުނި ޖަމިއްޔާ ޖަމާއަތެއްނަމަ މަދުވެގެން 10 އަހަރު ހިދުމަތް ކުރުމުންނެވެ.
މި އަހަރު ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.