ހަބަރު

ދިވެހި އާ ޕާސްޕޯޓާއި އޮޓޯ ގޭޓް ހިދުމަތް ތައާރަފްކޮށްފި

  • އާ ޕާސްޕޯޓް ހަދާފައި ހުންނާނީ ޕޮލިމާ ކަރުދާހުގައި
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ވާނެ
  • އީގޭޓްގެ ހިދުމަތް ވެސް ވަނީ ތައާރަފްކޮށްފައި

ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ 'ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓް' އާއި އީގޭޓްގެ ހިދުމަތް ތައާރަފްކޮށްފި އެވެ. ޕާސްޕޯޓާއި އޮޓޯ ގޭޓް ހިދުމަތް ތައާރަފްކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އަލަށް ތައާރަފްކުރި ޕާސްޕޯޓުގެ ޑޭޓާ ޕޭޖްތައް ހުންނާނީ ޕޮލިމާ ކަރުދާހުންނެވެ. އަދި މިހާރު ބޭނުންކުރާ ޕާސްޕޯޓާއި ހިލާފަށް އާ ފާސްޕޯޓުން ފެންނަން ހުންނާނީ ބައެއް ހާއްސަ މައުލޫމާތުއެކަންޏެވެ. ޕާސްޕޯޓުގައި ބޭނުން ކުރާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ އެންމެ ހައި ސެކިއުރިޓީ ޕީޗާސްތައް ކަމަށާއި އޭގެ ސަބަބުން ވަގު ޕާސްޕޯޓް ހެއްދުން ފަދަ ކަންކަމަށް ހުއްޓުމެއް އަންނާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އާ ޕާސްޕޯޓް ތައާރަފްކުރި ނަމަވެސް، މިހާރު ބޭނުންކުރާ ޕާސްޕޯޓް މުއްދަތު ހަމަވުމާ ހަމަޔަށް ބޭނުންކުރެވޭނެ އެވެ. އަދި އާ ޕާސްޕޯޓް ތައާރަފްކުރުމާ ހަމަޔަށް މުއްދަތުހަމަވާ ޕާސްޕޯޓްތައް އާކޮށްދިނުމުގެ ހިދުމަތްވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ އެވެ. އިމިގްރޭޝަނުން ބުނީ އާ ޕާސްޕޯޓް ތައާރަފްކުރި ނަމަވެސް ޕާސްޕޯޓް ހަދައިދޭ އަގަށް ބަދަލު ނާންނާނެ ކަމަށެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު ވިދާޅުވީ، އަލަށް ތައާރަފްކުރެވުނު ޕާސްޕޯޓަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓްތަކުގެ ތެރޭގައި ހިމެނޭ ޕާސްޕޯޓެއް ކަމަށެވެ. "އާ ޕޯސްޕޯޓްގައި ދިވެހި ސަގާފަތް ދައްކުވައިދޭ ކުލަތަކާއި ޑިޒައިންތައް ބޭނުންކުރެވިފައިވާނެ." ޕާސްޕޯޓް ޑިޒައިން ކޮށްފައިވަނީ ހުސެއިން މަނިކެވެ.

މީގެ ފަހުން ޕާސްޕޯޓްގައި ނަން ޖަހާއިރު އެއް ލައިނެއްގައި ނަން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ. އާ ޕާސްޕޯޓް ތައާރަފްވެގެން ދިއުމުން މިހާރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކޮށްފައިވާ އޮޓޯ ގޭޓްގެ ހިދުމަތް ވެސް ދިވެހިންނަށް ދެވޭނެ ކަމަށް އަންވަރު ވިދާޅުވި އެވެ.

ޑިޕާޗާ ޓާމިނަލްގައި ގޭޓެއް ހެދި އިރު އެރައިވަލް ޓާމިނަލްގައި ދެ ގޭޓް ބަހައްޓާފައިވެ އެވެ. މި ހިދުމަތް އައުމާއެކު ދިވެހިންގެ ޕާސްޕޯޓްގައި ރާއްޖޭގެ ތައްގަނޑެއް ނުޖަހާނެ އެވެ. އޮޓޯ ގޭޓުން ޕާސްޕޯޓާއި ބޯޑިންޕާސް ސްކޭން ކުރުމަށްފަހު، ފިންގާ ޕްރިންޓް ޖެހުމުން އިމިގްރޭޝަނަށް ބޭނުންވާ މައުލޫމާތު ފުރިހަމަވާނެ އެވެ.

އަންވަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އޮޓޯ ގޭޓްގެ ހިދުމަތް ދޭން ފެށި ސާކްގެ ފުރަތަމަ ގައުމެވެ. ގޭޓްގެ ސަބަބުން ސެކިއުރިޓީ އިރުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

މިރޭ ހޮޓެލް ޖެންގައި ޕާސްޕޯޓާއި އޮޓޯ ގޭޓް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާ، ރައީސް ޔާމީން ޝަރަފުވެރިކޮށްދެއްވިއިރު މި ރަސްމިއްޔާތުގައި ދައުލަތުގެ ގިނަ ވަޒީރުން ބައިވެރިވެލައްވާފައިވެ އެވެ.