ހަބަރު

އިމިގްރޭޝަންގެ ނަން ބަދަލުކޮށް ޔުނިފޯމް ވެސް އެކީ ބަދަލުކޮށްފި

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން "މޯލްޑިވްސް އިމިގްރޭޝަން"ގެ ނަމަށް ބަަދަލުކޮށް، ޔުނީފޯމްގެ ކުލަ ބަދަލުކޮށްފިއެވެ. ނަމާއި ޔުނިފޯމް ތައާރަފްކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ނަން މޯލްޑިވްސް އިމިގްރޭޝްގެ ނަމަށް ރީ ބްރޭންޑްކޮށްފައިވާއިރު އިމިގްރެޝަން އޮފިސަރުންގެ ޔުނީފޯމްގެ ކުލަ ވަނީ ދަނބު ކުލައަށް ބަދަލުކޮށްފަ އެވެ. މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އާ ޔުނީފޯމް ވަނީ ދައްކާލާފައެވެ.

އިމިގްރޭޝަން އޮފިސަރުންގެ އާ ޔުނީފޯމް ފަރުމާކޮށްދީފައިވަނީ ތ. ވިލުފުށި، ދޫރެސް އަހުމަދު ޝިޔާމެވެ. އެކަން ފާހަގަކޮށް އަހުމަދު ޝިޔާމަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. ފިލާ ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަންވަރު މިރޭގެ ރަސްމިއްޔާތުގައި ވިދާޅުވީ، މިދިޔަ އަހަރަކީ އިމިގްރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށާއި މި އަހަރު ވެސް އިމިގްރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އާ ޕޯސްޕޯޓް ތައާރަފްކުރުމާއި އޮޓޯ ގޭޓްގެ ހިދުމަތް ތައާރަފްވެގެން ދިޔައީ އިމިގްރޭޝަންގެ ބުރަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ 'ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓް' އާއި އީގޭޓްގެ ހިދުމަތް ވެސް މިރޭ ވަނީ ތައާރަފްކޮށްފައެވެ. ޕާސްޕޯޓާއި އޮޓޯ ގޭޓް ހިދުމަތް ތައާރަފްކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު ވިދާޅުވީ، އަލަށް ތައާރަފްކުރެވުނު ޕާސްޕޯޓަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓްތަކުގެ ތެރޭގައި ހިމެނޭ ޕާސްޕޯޓެއް ކަމަށެވެ. "އާ ޕޯސްޕޯޓްގައި ދިވެހި ސަގާފަތް ދައްކުވައިދޭ ކުލަތަކާއި ޑިޒައިންތައް ބޭނުންކުރެވިފައިވާނެ."

އަންވަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އޮޓޯ ގޭޓްގެ ހިދުމަތް ދޭން ފެށި ސާކްގެ ފުރަތަމަ ގައުމެވެ. ގޭޓްގެ ސަބަބުން ސެކިއުރިޓީ އިރުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

މިރޭ ހޮޓެލް ޖެންގައި ޕާސްޕޯޓާއި އޮޓޯ ގޭޓް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާ، ރައީސް ޔާމީން ޝަރަފުވެރިކޮށްދެއްވިއިރު މި ރަސްމިއްޔާތުގައި ދައުލަތުގެ ގިނަ ވަޒީރުން ބައިވެރިވެލައްވާފައިވެ އެވެ.