ހަބަރު

އިނގިރޭސިވިލާތާ އެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައި: ސައީދު

އިނގިރޭސިވިލާއެކު މީގެކުރިން އުފެދިފައިނުވާ ވަރުގެ ގާތް ގުޅުމެއް މިހާރު އުފެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އެކަން ދައްކުވައިދެނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން އިތުރުވަމުންދާތީ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އާ ޕާސްޕޯޓް ތައާރަފްކުރުމަށާއި އިމިގްރޭޝަން ރީބްރޭންޑް ކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ގިނަ ގައުމުތަކާއެކު އޮތް ގުޅުން ބަދަހިވެފައިވާ ކަމަށާއި އިނގިރޭސިވިލާއެކު އޮތް ގުޅުން ބަދަހިނުވާ މިންވަރަށް މިހާރު ބަދަހިވެފައިވާ ކަމަށެވެ.

"އެކަން އަޅުގަނޑުމެންނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ އަދަދުން ކަށަވަރު ވެގެންދޭ،" ސައީދު ވިދާޅުވިއެވެ. އިނގިރޭސިވިލާތެކޭ އެއްފަދައިން ޖަރުމަންވިލާތާއެކު އޮތް ގުޅުން ވެސް ކުރިން ނުވާ މިންވަރަށް މިހާރު ބަދަހިވެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ގައުމުގެ އަގު ވައްޓާލަން، އެކިއެކި ނޭދެވޭ ވާހަކަތައް ދެއްކުމަށް ބޭރު ގައުމަކަށް ދިޔުމުގެ މާނައެއް ނެތް ކަމަށާއި ބޭރުގެ ގައުމުތަކާއި ރާއްޖެ މިހާރު ކިޔަނީ އެއް ލަވައެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ތައުރީފުކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ގައުމުގެ އެއްވެސް އެސެޓެއް ވިއްކައި ނުލައި ދައުލަތުގެ ދަރަނިތައް މިއަދުގެ ސަރުކާރުން ދައްކާ ނިންމާފައިވާ ކަމަށެވެ. "މި ބޮޑެތި ބަދަލުތަކުގެ ހަގީގީ މޭސްތިރިއަކީ ރައީސް ޔާމީން،"

ސައީދު ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު ރާއްޖެއަކީ ދެކުނު އޭޝިއާގައި އިންވެސްޓްކުރުމަށް އެންމެ ފަހި، އިންވެސްޓްމެންޓަށް ފަހިކޮށްދޭނެ މުއައްސަސާތައް ހުރި އަދި ފޮރިން އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިޔައި ޒަމާނީ ހިދުމަތްތައް ފޯރުކޮށްދޭނެ ގައުމަށް ވެގެންދާނެ ކަމުގެ ޔަގީންކަން ހުރިހާ ވިޔަފާރިވެރިންނަށް އަރުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޮންމެ ވައުދެއް ވެސް އެއީ ކިތަންމެ ބޮޑު ނަމަވެސް ކިތަންމެ ކުޑަ ނަމަވެސް، އެ ފުއްދުމުގެ އަޒުމުގައި ސާބިތުވެ މިތިބީ، ވަޒީފާ އުފެއްދުމާއި ވަޒީފާއަށް ޒުވާނުން އަހުލުވެރިކުރުމާއި ވަޒީފާ އުފެދޭނެ ބޮޑެތި ފުރުސަތުތައް ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކަށާއި މަގުތަކަށް ގެނެސްދޭނެ،" ސައީދު ވިދާޅުވިއެވެ. "ދެން ފެށޭނީ އެއާޕޯޓް، ބްރިޗް އެއަށްފަހު ޕޯޓް،"