ދުނިޔެ

އަލްޖީރިއާގެ ކިބައިން މާފަށް އެދުމަކީ ކުރަން ޖެހިފައި އޮތް ކަމެއް ނޫން: މެކްރޮން

ފަރަންސޭސި އިސްތިއުމާރީ ބާރުތަކުން އަލްޖީރިއާގެ ކަރަށް ފައިންއަރައި ނޭވާ ހާސްކޮގެން -- އެ ގައުމުގެ ރައްޔިތުންގެ މައްޗަށް ގޮށްމުށުން -- ވެރިކަންކުރިކަން ތާރީޚުން ސާބިތުވާ ކަމަށް ބުނެ ފަރަންސޭސި ނޫސް މަޖައްލާއަކުން ކުރި ސުވާލަކަށް ޖަވާބުދެއްވުމަށް އެ ގައުމުގެ ރައީސް އިމަނުއެއް މެކްރޮން ދެކޮޅު ހައްދަވައިފި އެވެ.

ނޫސް މަޖައްލާއިން މެކްރޮންއަށް ދެންނެވީ އަލްޖީރިއާގެ ކިބައިން މާފަށް އެދިވަޑައިގަތުމުގައި އޭނާއަށް ފެނިވަޑައިގަންނަވާ ގޮތަކާ މެދު އެވެ.

މެކްރޮން ވިދާޅުވީ އެކަމުގައި ބޭނުމެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ފްރާންސް - އަލްޖީރިއާ މައްސަލަ އަކީ ޒަމާންތަކަކަށް ދިގުދެމިގެން އައިސް މި ޒަމާނަށް ވާރުތަކޮށްފައި އޮތް މައްސަލައެކެވެ. ފްރާންސުން އަލްޖީރިއާއަށް ދީފައި ހުރި ގެއްލުންތަކާއި ރައްޔިތުންނަށް އަނިޔާވެރިވި އެތައް ހާސް މައްސަލައެއް ވަނީ ތާރީޚީ ފޮތްތަކުގައި ރެކޯޑްކޮށްފަ އެވެ.

އެހެން ނަމަވެސް، މިއިން އެއްވެސް ކަމަކަށް ބަދަލެއް ދިނުމެއް، މާފަށް އެދުމެއް -- ފަރަންސޭސި ވެރިން ވިދާޅުވާ ގޮތުގައި -- އެއީ އޮތް ކަމެއް ނޫނެވެ.

"މާފަށް އެދެން ޖެހޭ ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" މެކްރޮން ވިދާޅުވި އެވެ.

"ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ހިގައި އޮތީ ނިމިފައި" ކަމަށް މެކްރޮން ވިދާޅުވި އެވެ. "އެހެންނަމަވެސް، މާފަށް އެދުމަކުން ނުވަތަ ނޭދުމަކުން އެއްވެސް ކަމަކަށް ފަރުވާއެއް، ހައްލެއް ލިބޭނެ ކަމަށް ނުދެކެން"

މެކްރޮން ވިދާޅުވީ މާފަށް އެދުމަށް ވުރެ ދެ ގައުމުގެ ދެމެދުގައި ގުޅުން ރަނގަޅުކުރަން ކުރެވެން ހުރި ހުރިހާ ކަމައް ކުރަންވީ ކަމަށެވެ. މަޝްވަރާ މޭޒުދޮށުގައި ހުރިހާ ވާހަކައެއް ދައްކަންވީ ކަމަށެވެ. ފްރާންސުން ކޮށްފައި ހުރި ކަމެއް ނަމަ އެކަމަކަށް އެއްބަސްވެ ވަޑައިގަންނަވާނެ ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.

ފްރާންސަށް އަލްޖީރިއާ ހަނދާން ނައްތައި ނުލެވޭނެ ކަމަށް މެކްރޮން ވިދާޅުވި އެވެ. ހަމަ އެފަދައިން އަލްޖީރިއާއަށް ވެސް ފްރާންސް ހަނދާން ނައްތައި ނުލެވޭނެ ކަމުގައި ވިދާޅުވި އެވެ.

ފްރާންސާއި އަލްޖީރިއާ ދެމެދުގައި ދޭތެރެ ދޭތެރެއިން ހުޅުހިފައި އިސްތިއުމާރީ ޒަމާނުން ފަށައިގަނެ އެވެ. ދެ ގައުމުގެ ވެރިންނާ ހިސާބުން ފެށޭ މައްސަލަތައް އާންމުންނަށް ފޯރައި އަދި ފަހުން ސުލްހަވެ ކޮނޑަށް އަތްލައިގެން ވެސް އުޅެ އެވެ.