ވިޔަފާރި

ދިރާގުގެ ރީތި ނަމްބަރުތައް ގަންނަން އެތައް ބަޔަކު ކިޔޫ ހަދައިފި

Jan 23, 2015
1

ދިރާގުގެ ރީތި ނަމްބަރުތައް، ނޫނީ 777 ނަމްބަރުތައް ހެޔޮ އަގެއްގައި މިއަދު ވިއްކަން ފެށުމާ އެކު އެ ނަމްބަރުތައް ގަންނަން އެތައް ބަޔަކު ދިރާގު ކަސްޓަމާ ސާވިސް ހެޑް އޮފީސް ކައިރިއަށް ޖަމާވެއްޖެ އެެވެ.

ދިރާގުން މީގެ ކުރިން ރީތި ނަމްބަރުތައް ވިއްކަމުން އައީ، 7،000ރ. އާއި 5،000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް "ދިރާގު ނަމްބަރު ފިއެސްޓާ"ގެ ނަމުގައި މިއަދު 2:00 އިން މިރޭ 8:00 އަށް ގެންދާ ޕްރޮމޯޝަންގައި 777 ނަމްބަރެއް ވިއްކަނީ 2،000ރ. އަށެވެ. އަދި ދެން ހުރި ރީތި ނަމްބަރުތައް ވިއްކަނީ އިތުރު ފީއެއް ނުނަގައި ހަމައެކަނި ސިމްގެ ލާރި ނަގާގޮތަށެވެ.

ދިރާގުގެ އޮފިޝަލަކު މިއަދު ވިދާޅުވީ 777 އިން ފެށޭ ރީތި ނަމްބަރުތައް ދޫނުކުރާތާ މިހާރު ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މިއަދު ކުރިއަށް ގެންދާ ޕްރޮމޯޝަނަށް ގިނަ ކަސްޓަމަރުންގެ ތަރުހީބު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ދިރާގުގެ ރީތި ނަމްބަރެއް ހޯދުމަށް ހުޅުވިފައި އޮތް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު 1:45 އެހާކަން ހާއިރުން ފެށިގެން ދިރާގުގެ ކަސްޓަމާ ހެޑް އޮފީސް ކައިރީ ވަނީ އެ ނަމްބަރުތައް ގަންނަން ދިގު ކިޔޫއެއް ހަދައިފަ އެވެ. އެ ކިޔޫ ސަލްޓަންޕާކްގެ މައި ގޭޓަށް ވުރަށް ވެސް އެކޮޅަށް ހަދާފައި އޮތެވެ.