ކުޅިވަރު

ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން ސުޕަ ކަޕް ކާމިޔާބުކޮށްފި

ފައިނަލުގައި ރެއާލް މެޑްރިޑް 3-1 އިން ބަލިކޮށް ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ބާސެލޯނާ އިން ހޯދައިފި އެވެ.

ސައުދީ އަރަބިއާގެ ރިޔާދުގައި ކުޅުނު ފައިނަލް ބާސެލޯނާ އިން ކާމިޔާބުކުރީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިގެންނެވެ. ތިން ގޯލު ޖެހުމުގެ އިތުރުން ގޯލު ޖަހާނެ އިތުރު ފުރުސަތުތައް އެޓީމުން ތަނަވަސްކުރި އެވެ.

މިއީ އާ ފޯމެޓަށް ސުޕަ ކަޕް ބަދަލުކުރި ފަހުން ބާސެލޯނާ އަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. 20-2019 ވަނަ ސީޒަނުން ފެށިގެން ސްޕެއިން އިން ބޭރުގައި މި މުބާރާތް ކުރިއަށް ދަނީ ހަތަރު ޓީމުގެ މެދުގަ އެވެ. ބާސެލޯނާ އާއި ރެއާލްގެ އިތުރުން މިފަހަރު ވާދަކުރި ވެލެންސިއާ އާއި ރެއާލް ބެޓިސް އެވެ.

ޗެމްޕިއަންކަމާ އެކު ބާސެލޯނާގެ ކޯޗު ޒަވީ އަށް ވަނީ އޭނާގެ ކޯޗިންގައި ބާސެލޯނާއާ އެކު ފުރަތަމަ ތަށި ލިބިފަ އެވެ.

މެޗުގައި ބާސެލޯނާގެ ފުރަތަމަ ގޯލު 33 ވަނަ މިނެޓުގައި ޖެހީ ޒުވާން މިޑްފީލްޑަރު ގަވީ އެވެ. އޭގެފަހުން ގަވީ ވަނީ ބާސެލޯނާގެ ފަހު ދެގޯލު ޖަހަން ވެސް އެހީތެރިވެދީފަ އެވެ. ބާސެލޯނާގެ ދެވަނަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ އޭރިޔާގެ އަރިމަތިން ގަވީ ނަގައިދިން ހުރަހަކުން ލެވަންޑޯސްކީ ޖެހި ގޯލެކެވެ. ދެވަނަ ހާފުގައި ބާސެލޯނާގެ ލީޑު ފުޅާކޮށްދިން ލަނޑު ގަވީގެ އެހީގައި ޖެހީ ޕެޑްރީ އެވެ.

މުޅި މެޗުގައި ވެސް ބާސެލޯނާ އިން ގިނަ ހަމަލާތަކެއް އުފެއްދިއިރު ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. ރެއާލްގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ.

މި ސީޒަނުގެ ލީގުގެ ފުރަތަމަ ބުރުގައި ރެއާލް މެޑްރިޑުން ވަނީ ބާސެލޯނާ 1-3 އިން ބަލިކޮށްފަ އެވެ. އެކަމަކު އޭގެފަހުން ނަތީޖާތައް ރަނގަޅުކޮށް މިހާރު ލީގުގެ އެއްވަނައިގައި އޮތީ ވެސް ބާސެލޯނާ އެވެ. ދެވަނައިގައި އޮތް ރެއާލް އާއި ބާސެލޯނާއާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ސީޒަނަށް ބަލާއިރު ބާސެލޯނާ މިހާރު ވަނީ ހުރިހާ މުބާރާތެއްގައި ބަލިނުވެ ނުވަ މެޗު ހަމަކޮށްފަ އެވެ.