ކުޅިވަރު

ފްރެންޑްލީ މެޗުގައި ބާސާއިން ރެއާލް ބަލިކޮށްފި

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގައި މިއަދު ކުޅުނު އެލް ކްލަސިކޯގައި ބާސެލޯނާއިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

ރާއްޖެ ގަޑިން މިއަދު ފަތިހު 04:00 ގައި ފެށި މި މެޗުގެ ކުރީކޮޅުގައި މޫސުން ގޯސްވުމާ ގުޅިގެން މެޗު މެދުކަނޑާލަން ޖެހުނެވެ. އަދި އެ ވަގުތު ވެހެމުންދިޔަ ބޯ ވާރޭ ތުނިވުމުން އަލުން މެޗު ފެށީ 05:30 ހާއިރު އެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މި މެޗު ބާސާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ބާސާގެ ދެ ލަނޑު ވެސް ޖަހައިދިނީ، އެންމެ ފަހުން އެ ޓީމު މެންޗެސްޓާ ސިޓީއާ ބައްދަލުކުރި މެޗުގައިވެސް ލަނޑު ޖެހި ޕައު ވިކްޓާ އެވެ. މިއަދުގެ މެޗުގައި އޭނާ ލަނޑުތައް ކާމިޔާބުކުރީ 42 އަދި 54 ވަނަ މިނެޓުގަ އެވެ.

ރެއާލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ނިކޯ ޕާޒް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އޭނާ މި ލަނޑު ޖެހީ މެޗުގެ 82 ވަނަ މިނެޓު ގައެވެ. އޭގެފަހުން ރެއާލްއިން އިތުރު ލަނޑެއް ޖަހަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސާ އާއި ރެއާލް އިން މިހާރު ދަނީ އެމެރިކާގައި މެޗުތައް ކުޅެމުންނެވެ. އެގޮތުން މި ދަތުރުގައި ބާސާ ފުރަތަމަ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ޕެނަލްޓީ ޖަހައިގެން ސިޓީގެ މައްޗަށް ކުރި ހޯދާފަ އެވެ. ނަމަވެސް ރެއާލް ކުޅުނު މެޗުގައި އޭސީ މިލާން އަތުން އެ ޓީމު ވީ ބައްޔެވެ.