ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހއ. އަތޮޅަށް ވަޑައިގެންފި އެވެ.

ހއ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ހޯރަފުއްޓަށެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ހޯރަފުށިން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މި ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ހއ. އިހަވަންދޫ، ކެލާ އަދި ދިއްދޫއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ރައީސް ސޯލިހު އިހަވަންދޫ ކެލާ އަދި ހޯރަފުށީގެ އެމްޑީޕީގެ މެމްބަރުންނާ ސަޕޯޓަރުންނާ ބައްދަލުފުޅުކުރައްވާނެ އެވެ. އަދި އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕޭން ޖަލްސާއެއް މިރޭ ދިއްދޫގައި އޮންނާނެ އެވެ.

މާދަމާ ހދ. ހަނިމާދޫގައި އޮންނަ އެ ރަށު އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ޖަލްސާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެ ރޭ މާލެ އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ.

ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ފުރަތަމަ ވަޑައިގެންނެވީ ރ. އަލިފުށްޓަށެވެ. އެއީ ޖެނުއަރީ ފަސްވަނަ ދުވަހު އެވެ.

ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ރ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި އައްޑޫއަށް ޒިޔާރަތްކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.