ތަންކޮޅެއްގައި ކަމެއްކޮށްލައިގެން ތަރައްގީ ނުގެނެވޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރީ ސަރުކާރުތަކަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސްގެ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ބޭނުމަކީ މުޅި ރާއްޖެ ތަރައްގީކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ ވިސްނުންތެރިކަމާއެކު ބޮޑު ޕްލޭނެއް އޮވެގެން ތަރައްގީގެ މަޝްރޫއުތައް ނުހިނގާނަމަ ބަޔަކު ބާކީވެގެންދާނެ ކަމަށެވެ. އަދި އާބާދީއަށް ބަލައިގެން އެ މަޝްރޫއުތައް ހިންގާނަމަ ކުދިކުދި ރަށްތަކާ ހަމައަށް ތަރައްގީ އަންނާނީ އަދިވެސް 15-25 އަހަރު ފަހުން ކަމަށް ވިދާޅުވި އެވެ.
"އެއީ މި ރާއްޖެ ތަރައްގީވާނެ ގޮތެއް ނޫން. މީ ޖަޒީރާ ގައުމެއް. ވަކިވަކި މީހުން މިއުޅެނީ ކުދި ކުދި ރަށްތަކުގައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއް ރަށުން ނުލިބޭ ހިދުމަތް އަނެއް ރަށުން ލިބޭ ނިޒާމެއް އޮންނަން ޖެހޭ ކަމަށާއި ހުރިހާ ރަށެއްވެސް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އާރްޓީއެލް ފެރީގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅުވާލަނީ އެ ވިސްނުމުގައި ކަމަށްވެސް ވިދާޅުވި އެވެ.
ކޮވިޑް 19ގެ ދުވަސްވަރު ދިމާވި ގޮންޖެހުންތަކުގެ ހަނދާން އާކުރައްވަމުން ރައީސް ސޯލިން ވިދާޅުވީ އެއީ ސަރުކާރަށް އެތައް އުނދަގޫތަކަކާއި ދަތިތަކަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ދުވަސްވަރެއް ކަމަށެވެ. އަދި އެދުވަސްކޮޅަކީ ބައެއް ސިޔާސީ ލީޑަރުން ނިކުމެ އިންތިހާއަށް ޖެއްސުންވެސް ކުރި ދުވަސްވަރެއް ކަމަށެވެ. އުއްމީދެއް ނެތްކަމަށް ދެކިގެން މީހުން މާޔޫސްކޮށް ސަރުކާރަށް ނަފުރަތު އެފެއްދުމުގެ ގޮތުން ސިޔާސީ ލީޑަރުންތަކެއް ދޮގު ވާހަކަތަކެއް ފެތުރިކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
ނަމަވެސް އެދުވަހު އެޅި ފިޔަވަޅުތަކާ އެކީ ރާއްޖޭގައިވެސް މުސްތަގުބަލެއް އޮތްކަން އެނގިގެންދިޔަ ކަމަށާއި މިއަދު މިހާހިސާބަށް ރާއްޖެއަށް އާދެވުނީވެސް އެ މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ. ތަރައްގީގެ މަޝްރޫއުތަކާއި ބޮޑެތި މަސައްކަތްތައް ހުއްޓުމެއް ނެތި އެ ދުވަހުވެސް މިއަދު ކުރިއަށްދާ ކަމަށާއި އެގޮތަށް ކަންކަން ނުކުރުމުން އަވައްޓެރި ގައުމުތައް ހުއްޓިފައި އޮތް ގޮތް މިއަދު ފެންނަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.
"މިއީ ފިތުނައާ ފަސާދައާ ދެކޮޅުވެރިކަން އުފައްދަންވެގެން ދައްކަމުން އައި ވާހަކަތަކެއް،" އިނދިކޮޅު ވެރިން ދައްކަމުން ދިޔަ ވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ވަނީ ވ. އަތޮޅާއި މ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. ރައީސްގެ ކެމްޕޭންގައި މިހާތަނަށް ވަނީ ށ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފަ އެވެ.